ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕްގެ އެއްވަނަ ޔަގީންކޮށް، ޖަރުމަނާއި ނެދަލޭންޑްސްވެސް އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ޔަގީންކޮށްފިއެވެ.

ޖަރުމަނުން ރޭ ގްރޫޕް އޭގައި އެޓީމުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ސްލޮވާކިއާ ބަލިކުރީ 6-0 އިންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ކޮލިފިކޭޝަން ޕްލޭ އޮފަށް ދާން ޖެހިދާނެކަމުގެ ބިރު ޖަރުމަނަށް އޮތް ނަމަވެސް އެޓީމުން ނަތީޖާ ނެރުނީ ޔަގީންކަމާއެކުގައެވެ.

ގްރޫޕް އޭގައި ޖަރުމަނުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު މޮޅުވި އިރު، ބަލިވީ ސްލޮވާކިއާއާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗުންނެވެ. ސްލޮވާކިއާއަށް ހަ މެޗުން 12 ޕޮއިންޓް ލިބުނު އިރު، އެޓީމުން ކުޅޭނީ ޕްލޭ އޮފްގައެވެ.

ރޭގެ މެޗުގައިވެސް ޖަރުމަނަށް ލީޑު ނަގައިދިނީ ނިއުކާސަލްގެ ފޯވަޑް، ނިކް ވޮލްޓެމާޑާއެވެ. އެ ގޯލާއެކު ޖަރުމަނުން ފުލުފުލުގައި ގޯލުތައް ޖެހި އިރު، ހާފު ނިންމާލީ ހަތަރު ގޯލުގެ ފަރަގަކުންނެވެ. ޖަރުމަނުގެ އަނެއް ގޯލުތައް ފުރަތަމަ ހާފުގައި ޖެހީ ސާޖް ނަބެރީއާއި ލެރޮއި ސާނޭއެވެ. ސާނޭގެ ދެ ގޯލް ފުރަތަމަ ހާފުގައި ފެނުނެވެ.

ދެވަނަ ހާފުގައިވެސް ޖަރުމަނުން ކުރިއަށް ޖެހި، ހައި އެޓޭކިން ލައިނެއްގައި ކުލެފައިވާ އިރު، އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ ރިޑްލް ބަކޫއާއި ފޯޒަން އަސާން އޮއެޑްރައޯގޯއެވެ.

ނެދަލޭންޑްސްއިން ގްރޫޕް ޖީގެ އެއްވަނަ ޔަގީންކުރީ ރޭ ލިތުއޭނިއާ ކައިރިން 4-0 އިން މޮޅުވެގެންނެވެ.

އެ ގްރޫޕުގައި ނެދަލޭންޑްސްއިން ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދި އިރު، ދެވަނައިގައި އޮތް ޕޮލެންޑަށް ލިބުނީ އަށް މެޗުން 17 ޕޮއިންޓެވެ. ޕޮލެންޑް ނުކުންނާނީ ޕްލޭ އޮފް އަށެވެ.

ނެދަލޭންޑްސްގެ މެންޗެސްޓާ ސިޓީ މިޑްފީލްޑަރު ތިޖާނީ ރެއިންޑާސް އެޓީމަށް ގޯލް ހުޅުވާލަ ދިން އިރު، ދެން ގޯލުތައް ޖެހީ ކޯޑީ ގަކްޕޯ، ޒަވީ ސިމޮންސް އަދި ޑޮންޔެލް މާލެންއެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސްގެ ހުރިހާ ގޯލެއްވެސް ޖެހީ ޕްރިމިއާ ލީގުގައި ކުޅެމުންދާ ކުޅުންތެރިންނެވެ. އެއީ އެގައުމުގެ ފުޓުބޯޅަ ތާރީހިގައި އެކަން ދިމާވި ފުރަތަމަ ފަހަރެވެ.