ރާއްޖޭގެ ހޯމް ދަނޑު، ގައުމީ ފުޓުބޯޅަ ދަނޑަކީ ފަސޭހަ ދަނޑެއް ނޫން ކަމަށާއި، ކުރިން އެ ތަޖުރިބާ ކުރެވުނު ކަމަށް ފިލިޕީންސްގެ ސްޕެއިން ކޯޗު، ކާލޯސް ކުއަޑްރާޓް ބުނެފިއެވެ.
ކުއަޑްރާޓް، 57، އަކީ މީގެ ކުރިން ޔޫތު ކެރިއަރު ބާސެލޯނާގައި ހޭދަކޮށް، ސްޕެއިންގެ 18 އަހަރުން ދަށު ޓީމަށް ކުޅެފައިވާ ކޯޗެކެވެ. އޭނާ 2016 އިން 2017 އަށް ބެންގަލޫރު އެފްސީގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކޮށް، އޭގެފަހުން 2021 ވަނަ އަހަރާ ހަމައަށް އެޓީމުގެ ހެޑް ކޯޗުކަންވެސް ކުރިއެވެ. އަދި 2023 ވަނަ އަހަރު އީސްޓް ބެންގާލަށްވެސް އޭނާ ކޯޗުކަން ކޮށްދިން އިރު، މީގެ ކުރިން ކްލަބު ފުޓުބޯޅައިގައި ގައުމީ ދަނޑަށް ނުކުމެފައިވެއެވެ.
"އަހަރެމެން މި މެޗަށް ރަނގަޅަށް ތައްޔާރުވެއްޖައިން. މެޗު ފަށާ ގަޑިއަކީ 3:30. އެހެންވީމަ މެޗު ފަށަން ޖެހޭނީ ހޫނު ގަދަ ވަގުތެއްގައިކަންވެސް އެނގޭ. އެކަމަށްވެސް ތައްޔާރުވާނަން. އަހަރެމެން ތިން ޕޮއިންޓަށް މަސައްކަތް ކުރާނަން. އެހެން ނަމަވެސް ވިސްނަން ޖެހޭނެ ރާއްޖެއާ ދޭތެރޭ. އިހުތިރާމް ކުރަން ޖެހޭވަރުގެ ވަރުގަދަ ކުޅުންތެރިން އެބަތިބި. އަހަރެން ކުރިން ބައެއް ކްލަބުތައް ގޮވައިގެން މި ދަނޑަށް ނުކުތިން. އެ ތަޖުރިބާ އެބަހުރި. ވަރަށް ވަރަށް އުނދަގޫވާނެ ރާއްޖެ ކައިރިން ނަތީޖާ ނެރެން. އުނދަގޫ އެތައް ކަމެއް މެޗު ތެރެއިން ދިމާވާނެ،" ކުއަޑްރާޓް ބުންޏެވެ.
މިއަހަރު ކުރީކޮޅުގައިވެސް ފިލިޕީންސް އެސިސްޓެންޓް ކޯޗަކަށް ހުރުމަށްފަހު، މިހާރު ހެޑް ކޯޗަކަށް މަސައްކަތް ކުރާ ކުއަޑްރާޓް ބުނީ ރާއްޖޭގެ މާހައުލަށް ޓީމު ހޭނޭނެ ކަމަށާއި، ޕްރޮފެޝަނަލް ކުޅުންތެރިންގެ ތަފާތަކީވެސް އެއީ ކަމަށެވެ. ހާލަތްތަކަކީ އަބަދު ބަދަލުވާނެ އެއްޗެއްކަން އެ ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި، އެއްވެސް ވަރަކަށް ބަހާނާއެއް ދައްކަން ބޭނުން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ސްޕެއިންގެ ތަޖުރިބާކާރު ކުއަޑްރާޓް ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ ރަނގަޅު ފެންވަރުގެ ފުޓުބޯޅައެއް ކުޅޭ ކުޅުންތެރިން ކަމަށާއި، އުނދަގޫ ވާނެ ކަމަށެވެ.
"ރާއްޖެއަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް. ޖާގައެއް ލިބިއްޖިއްޔާ ނުރައްކާކުރާނެ ކުޅުންތެރިން އެބަތިބި. ގިނަ ކުޅުންތެރިންތަކެއް އެއް ކްލަބަކަށްވެސް އެބަ ކުޅޭ، އެއީ މާޒިޔާއަށް. އެހެންވީމަ އެ ކުޅުންތެރިންގެ ގުޅުން ބޮޑުވާނެ. މިއީ އުނދަގޫވާނެ މެޗެއް އަހަރެމެންނަށް، ފުރަތަމަ ގޯލު ޖަހާ ޓީމަކަށް ސަައިކޮލޮޖިކަލް އެޑްވާންޓޭޖެއް އޮންނާނެ،" ކުއަޑްރާޓް ބުންޏެވެ.
ރާއްޖެއިން ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ފިލިޕީންސާ ދެކޮޅަށެވެ. ރާއްޖެއިން ފިލިޕީންސާ ދެކޮޅަށް ފުރަތަމަ ކުޅެން އޮތީ ހޯމް މެޗު ނަމަވެސް، ފަހުން އެ މެޗު އަވޭ މެޗަކަށް ބަދަލުކުރީއެވެ. އަވޭ މެޗުގައި ފިލިޕީންސުން ވަނީ ރާއްޖެ ކައިރިން 4-1 އިން މޮޅުވެފައެވެ.
ކުއަޑްރާޓް ބުނީ އެ މެޗުން ފިލިޕީންސް މޮޅުވެފައި އޮތުން އެއީ ފައިދާއެއް ނޫން ކަމަށައި، އެއްވެސް ހާލަތެއްގައި މެޗު ފަސޭހަކޮށް، އޯވާ ކޮންފިޑެންސްވުމަށް ޖާގައެއް ނޯންނާނެ ކަމަށެވެ.
ރާއްޖެއާއި ފިލިޕީންސް ވާދަކުރާ މެޗު ފަށާނީ މިއަދު މެންދުރުފަހު 3:30 ގައެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް