ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އާ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ އިޝްފާން މުހައްމަދު (އިއްޕަ) ކަމަށްވުމާއެކު، އޭނާއަށް އެސޯސިއޭޝަނުގެ އާ ރައީސްކަން ޔަގީންވެއްޖެއެވެ.
ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަސާސީ ގަވާއިދު ފާސްކޮށް، މިމަހުގެ 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމީ މިމަހު އެއްވަަނަ ދުވަހު ބޭއްވި ހާއްސަ އާންމު ޖަލްސާގައެވެ.
އާ އަސާސީ ގަވާއިދުގައިވާ ގޮތުން އިންތިހާބަށް ހުޅުވާލުމުން، އެއްވެސް މަގާމަކަށް އެއް ކެނޑިޑޭޓަކު ކުރިމަތިލައިފިނަމަ، ވޯޓެއް ނެެގުމެއް ނެތި އިންތިހާބުވާނެއެވެ. އެކަމަކު އެކަން ރަސްމީކޮށް އިއުލާނުކުރާނީ އިންތިހާބީ ކޮންގްރެސްގައެވެ.
ބީއޭއެމްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، ހިންގާ ކޮމިޓީގެ ކޮންމެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތެކެވެ.
އިއްޕަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ރައީސްކަމަށް ނަން ހުށަހެޅުއްވި އިރު، އޭނާގެ ޓީމުގައި ހިމެނޭ ނައިބު ރައީސުންނަކީ ތަޖުރިބާކާރު އަމްޕަޔަރު އަހުމަދު ޝިހާމް (ޕުޗު) އާއި އިބްރާހިމް ހަމްޒާ ހަލީލެވެ.
ހިންގާ ކޮމިޓީގެ ދެން ހުރި މަގާމުތައް ފުރުއްވާނީ ހަަސަން ޒަރީރު، އިބްރާހިމް އަފީފް އަދި ސުހާ ޖަލީލެވެ.
އާ އަސާސީ ގަވާއިދުގައިވާ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ ރައީސާއި ދެ ނައިބު ރައީސުންގެ އިތުރުން، ހާއްސަ ހަތަރު މެމްބަރުންނާއި އެތުލީޓުން ތަމްސީލުކުރާ ރެޕްރެޒެންޓޭޓިވެކެވެ.
އަސާސީ ގަވާއިދުގައިވާ ގޮތުން، އާ ހިންގާ ކޮމިޓީން އެތުލީޓުން ތަމްސީލުކުރާ މެމްބަރު ހޮވުމަށް ދެވޭނީ 60 ދުވަހެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް