ހަ އަހަރު މެދުކެނޑުމަކަށްފަހު އެއާ އިންޑިއާގެ ދަތުރުތައް ޗައިނާއަށް ފަށަން ނިންމައިފިއެވެ.

އެއާ އިންޑިއާއިން އިއްޔެ ވަނީ އެ އެއާލައިނުން އިންޑިއާގެ ވެރިރަށް ދިއްލީއާއި ޗައިނާއާ ދެމެދު ކުރާ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ.

އެއާ އިންޑިއާއިން ޗައިނާއަށް ކުރަމުން ދިޔަ ދަތުރުތައް ސަސްޕެންޑުކުރުމަށްފަހު ހަ އަހަރު ފަހުން މިވަނީ ސަސްޕެންޝަން އުވާލައިފައެވެ.

އެއާ އިންޑިއާއިން ވަނީ އިންޑިއާގެ މުމްބާއީ އިން ޝަންހާއީއަށް ދަތުރު ފެށުމުގެ ކަންކަމުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ފާހަގަކޮށްފައެވެ. އެގޮތުން އަންނަ އަހަރު އެ ދަތުރުތައް ފެށުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ އެއާލައިނުން ބުނެއެވެ.

ހަތް އަހަރަށްފަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ޗައިނާގެ ރައީސް ޝީޖިން ޕިން މިއަހަރު ކުރީކޮޅު ބޭއްވި ބައްދަލުވުންތަކުގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކޮށް ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ.