ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް، އިދިކޮޅު އެމްޑީޕީން ކުރީ ބަޣާވާތެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި "ސަންގުޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގެންނެވުމާއެކު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ކަމަށާއި އެކި ދާއިރާތައް އޮތީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް ޖެއްސުމާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެފަދަ ގޮންޖެހުންތަކަކާއެކު ފުރަތަމަ އަހަރު ފެއްޓެވީ. އަދި އެކަން އެހެން ނުވެގެން ރައީސުލްޖުމްހުރިއްޔާގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން، އަޅުގަނޑު އެކަން ސިފަކުރަނީ ކުރި ބަޣާވާތެއްގެ ގޮތުގައި. ރައްޔިތުންގެ މަޖިލިސް ތެރެއިން ރައްޔިތުންގެ ފުރިހަމަ ރުހުމާއެކީގައި، ފުރިހަމަ ތާއީދާ އެކީގައި ލޯތްބާއެކީ ހޮވުނު ސަރުކާރެއް ވައްޓާލުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ތެރެއިން އެ އަމަލު ފެއްޓި ފެއްޓުމަކީ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް ބޮޑުތަނުން ގެއްލިގެންދިޔަ ދިއުން،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން، މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ފާސްކުރީ ވެސް ޖެއްސުމަށް ކަމަށާއި އެއީ ވެސް އެ މަނިކުފާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި ކުރެއްވި ކަމެއް ކަމަށެވެ. އަދި ހަމައެއާއެކު ރާއްޖެ ބަނގުރޫޓުވެދާނެއޭ، ދިވެހީން އިނދަ ޖެހިދާނެއޭ ގޮވަމުންދިޔަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މި ވާހަކަތަކަށް މަގުފަހިކުރުމަށްޓަކައި ބަޖެޓު އެހެން ހެއްދެވީ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ހިތާމައާއެކީ، ވަރަށް ދެރަވެފައި ހިއްސާކޮށްލަން ބޭނުން މި ރާއްޖޭގެ ތާރީހުގައި އެގޮތަށް އަމަލުކުރި ފުރަތަމަ ފަހަރު އެއީ. އެއީ ނިމިދާ ސަރުކާރަކުން އަބަދުވެސް ދެން އަންނަ ސަރުކާރަކަށް ކަންކަން ފަހިކޮށްދިނުމަށްޓަކައި އެ ސަރުކާރަކުން ބޭނުންވާ ގޮތަށް ބަޖެޓުގެ ހުރިހާ ކަމެއް ފަހިކޮށްދޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރު ނިމިގެންދިޔަ އިރު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓު ބޭނުންގޮތަކަށް ފާސްކުރުމަށް ފުރުސަތު ދީފައިވާ ކަމަށާއި ނަމަވެސް އޭރު މަޖިލީހުގައި އޮތީ ޕީޕީއެމްގެ މެޖޯރިޓީ ކަމަށެވެ.