ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިސްލާމިން މިނިސްޓްރީން މިއަދު ބުނީ ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.

12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރަން ނިންމާފައިވާ އިމާރާތެކެވެ. އެ އިމާރާތުގައި ހާއްސަ ޕާކިން ސަރަހައްދެއް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ​އެ މަސައްކަތުގެ ދަށުން ފުރަތަމަ ބުރި ވިޔަފާރި ބޭނުންތަކަށް ދޫކުރާގޮތަށް، ތިން ވަނަ ފަންގިފިލައިން ބާރަވަނަ ފަންގިފިލައަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީން ރޫމް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

17 ނޮވެންބަރު 2025: ހުޅުމާލޭގައި އިމާރާތްކުރަން ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތް އިސްލާމިކް މިިނިސްޓްރީން ރަޝީދު ކާޕެންޓްރީއާ ހަވާލުުރުން --- ފޮޓޯ/ އިސްލާމިން މިިނިސްޓްރީ

"އިމާރާތުގެ ​ދެވަނަ ފަންގިފިލައިން ފެށިގެން 11 ވަނަ ފަންގިފިލާއާއި ހަމަޔަށް ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ​ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަހެއް އަދި މި އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވޭ." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމް ކުރާން ނިންމާފައިވެއެވެ.

20،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އިމާރާތްކުރަން ނިންމާފައިވާ ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތް ނިންމަން ދީފައިވަނީ 730 ދުވަހެެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 244,508,842 މިލިޔަން ރުފިޔާ އެވެ. އެ މަޝްރޫއު ނިންމުމަށްފަހު ފަސް އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރުސީސީން ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރިން ބުންޏެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

"އެ އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައި." އިސްލާމިކް މިިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްގަމް ވަގުފު އިމާރާތުގެ މަސައްކަތްވެސް ވަނީ އާރުސީސީއާ ހަވާލުކޮށްފައެވެ.