ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ މިދިޔަ އަހަރު ވަނީ އިސްލާހުކޮށްފައެވެ.

ނަމަވެސް، މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށްބުނެ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ، ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.

އަދި އެ ވޯޓުން މެމްބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.

ނަމަވެސް މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.