އަންނަ އަހަރު އުތުރު އެމެރިކާގެ ގައުމުތަކުގައި އޮންނަ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ރޭ ފާރޯ އައިލެންޑްސް ބަލިކޮށް، ކްރޮއޭޝިއާއިން ކޮލިފިިކޭޝަން ޔަގީން ކޮށްފިއެވެ.
ކްރޮއޭޝިއާއިން ގްރޫޕް އެލްގައި ރޭ ކުޅުނު މެޗުގައި ފާރޯ އައިލެންޑްސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ކްރޮއޭޝިއާއަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ. އެއީ ހަތް މެޗުން 19 ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ދެވަނައިގައި އޮތީ ޗެކީޒިއާއެވެ. އެއީ ހަތް މެޗުން 13 ޕޮއިންޓާއެކުގައެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ފާރޯ އައިލެންޑްސްއިންނެވެ. ގޭޒާ ޑޭވިޑް ޓޫރީ ޖެހި ގޯލުން އެޓީމު ލީޑު ނެގީ ނަމަވެސް ޖޮސްކޯ ގްވާޑިއޯލް ވަނީ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރު ކޮށްފައެވެ.
ދެވަނަ ހާފުގައި ޕީޓާ މޫސާ ކްރޮއޭޝިއާއަށް ދެވަނަ ގޯލެއް ޖަހައިދިން އިރު، އެޓީމުގެ ތިންވަނަ ގޯލް ޖެހީ ނިކޮލާ ވްލާސިޗެވެ.
ކްރޮއޭޝިއާއިން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، އެ މުބާރާތް އެންމެ ހާއްސަ ވާނީ 40 އަހަރުގެ ލޫކާ މޮޑްރިޗަށެވެ. މޮޑްރިޗްގެ ކެޕްޓަންކަމުގެ ދަށުން ކްރޮއޭޝިއާ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުންނަ އިރު، އެ މުބާރާތް ވެގެންދާނީ އޭނާ ކްރޮއޭޝިއާއާއެކު ނުކުންނަ 10 ވަނަ މުބާރާތަށެވެ. އަދި ފަސްވަނަ ވޯލްޑް ކަޕަށެވެ.
މޮޑްރިޗް ވަނީ މީގެ ކުރިން 2006، 2014، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ.
ނެދަލޭންޑްސްއިންވެސް ގްރޫޕް ޖީގެ އެއްވަނައިގައި އޮތް އިރު، އެޓީމުން ރޭ ޕޮލެންޑާ އެއްވަރުވީ 1-1 އިންނެވެ.
ނެދަލޭންޑްސް މިވަގުތު ގްރޫޕް ޖީގެ އެއްވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކުގައެވެ. ޕޮލެންޑް ދެވަނައިގައި އޮތީ ހަތް މެޗުން 14 ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ އެއްވަނަ ޔަގީންކުރަން ނެދަލޭންޑްސްއަށް ދެން ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.
ޕޮލެންޑުން ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޖަކޫން ކިމިންސްކީއެވެ. އެގޯލާއެކު ހާފު ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފު ފެށިގެން ދެ މިނެޓް ތެރޭގައި މެމްފިސް ޑިޕާއީ ވަނީ މެޗު އެއްވަރުކޮށް، ނެދަލޭންޑްސްއަށް މުހިއްމު ޕޮއިންޓެއް ހޯދައިދީފައެވެ.
ޖަރުމަނުންވެސް މިވަގުތު އޮތީ ގްރޫޕް އޭއިން އެއްވަނަ ޔަގީންކޮށް، ވޯލްޑް ކަޕްކޮލިފިކޭޝަނާ ގާތުގައެވެ. ރޭ ލަކްޒެމްބާގާ ދެކޮޅަށް ކުޅެ، ޖަރުމަނުން 2-0 އިން މޮޅުވި އިރު، އެޓީމަށް ފަސް މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. ސްލޮވޭކިއާއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، ސްލޮވޭކިއާ ކައިރިން ޕޮއިންޓެއް ހޯދިޔަސް ޖަރުމަނަށް ވޯލްޑް ކަޕް ޔަގީންވާނެއެވެ.
ޖަރުމަނުން ރޭގެ މެޗުގައި ޖެހި ދެ ގޯލްވެސް ޖެހީ ނިކް ވޮލްޓެމާޑެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން