ރާއްޖޭގައި ގަވާއިދާހިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި ޝާމިލުވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަރަންކާމަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި، ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ވަނީ 347 ބިދޭސީން ޗެކްކޮށް، ގަވާއިދާހިލާފަށް ތިބި 66 ބިދޭސީއަކު އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ އެފަދަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އަދި އޮޕަރޭޝަން ކުރަނގި ނަމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.