މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މިއަދު ފެށި ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފިއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ" ރައީސް ވިދާޅުވިއެވެ.
އޭގެ އިރުކޮޅެއްފަހުން ފުލުހުން ވަނީ ބަޔާނެއް ނެރެ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ޑްރަގް އޮޕަރޭޝަނެއް މިއަދު ފަތިހު 5:30 އިން ފެށިގެން ފަށާފައިވާ ކަމަށް ބުނެފައެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ އޮޕަރޭޝަންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރީ ކޮން ތަނަކުން ކަމެއް އަދި އެއީ ކިތައް މީހުން ކަމެއް ސާފެއް ނޫނެވެ.
"މިކަމާ ގުޅިގެން އަޅުގަނޑުމެން އިރުކޮޅަކުން މިޑިއާ ސްޓޭޓްމަންޓެއް ނެރޭނަން" ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުން ބުނި ގޮތުގައި "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ ތާރީހެއްގައި ޑްރަގާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް