މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މިއަދު ބޮޑު އޮޕަރޭޝަނެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އަންގައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ" ރައީސް ވިދާޅުވިއެވެ.

ޑްރަގުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު.ޖީއޯވީ.އެމްވީ" ގައި މިދިޔަ އޮގަސްޓު މަހު ހޯމް މިނިސްޓްރީން ޝާއިއުކުރި ލިޔުމެއްގައި ބުނީ "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" އަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓް ބިލު އެ މިނިސްޓްރީގެ ފަރާތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" ގައި މިހާރުވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއި 1،000،000 (އެއް މިލިއަން) ރުފިޔާއާއި 10،000،000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.