ނޭނގި އެއްވެސް މީހަކަށް މިހާރު ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ކަންކަން ހުށަހަޅުއްވަމުން އީސީގެ ރައީސް ވިދާޅުވީ، ނޭނގި ސިޔާސީ ޕާޓީއަކަށް ނުވަދެވޭގޮތަށް ހަމަޖެހިގެން ދިޔައީ، އީ ފާސް މެދުވެރިކޮށް، ސިޔާސީ ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ނިޒާމެއް ގާއިމުކުރުމާ ގުޅިގެން ކަމަށެވެ.

އެ ނިޒާމުގެ ސަަބަބުން ތަފާތު އެކި ޕާޓީތަކުގައި އެކަކު ރަޖިސްޓްރީވެފައި އޮތުން ފަދަ ކަމެއް ވެސް މިހާރު ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި އަހަރުން ފެށިގެން އެގޮތަށް ކަންތައްތަކެއް ނުހިނގާނެ، އެއްވެސް މީހަކު ތަކުރާރުވެ އެއްވެސް ޕާޓީއަކު ނީންނާނެ، އަލުން ނުވަތަ ކުރިން ވަދެފައި ހުރި މީހަކު ވެއްޖެއްޔާ ވެސް އޭނާ ކެނޑެން ބޭނުންވެއްޖެއްޔާ، ވަރަށް އާދައިގެ ބަހުރުވައިން ބުނާ ކަމަށް ވަންޏާ އެއީ މިހާރު އިލެކްޝަންސް ކޮމިޝަނުން ކުރާ ކަމެއް ނޫން،"

ޒާހިދު ވިދާޅުވީ ޕާޓީގެ މެންބާޝިޕުގެ ކަންކަމަކީ އެ މީހަކު ވަންނަން ބޭނުންވާ ޕާޓީ އާއި ކެނޑެން ބޭނުންވާ ޕާޓީއާ ދެމެދު މިހާރު އެ މީހަކު އަމިއްލައަށް ކުރާ ކަމެއް ކަމަށެވެ. މިހާރު އެކަން ކުރަންޖެހޭނީ އީފާސް މެދުވެރިކޮށް ޕޯޓަލަށް ހުށަހަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީއަކުން ކެނޑެން ބޭނުންވާ ނަަމަ ވެސް އީ ފާސް މެދުވެރިކޮށް ހުށަހެޅުމުން އެކަން ކުރާނީ އެ ޕާޓީއަކުން ކަމަށާއި، ޕާޓީއަކުން ވަކިވާން އެދި ހުށަހެޅުމުން އެކަން ވަކި މުއްދަތެއްގައި އެ ޕާޓީން ނުކޮށްދީފި ނަމަ ކޮމިޝަނުން އެ މީހަކު ޕާޓީން ވަކިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.