ކޮރަޕްޝަންގެ އެކި މައްސަލަތަކާ ގުޅިގެން ދައުލަތުން ގެއްލުވާލާފައިވާ ފައިސާ އާއި ނުހައްގު މުއްސަނދިކަމުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ހޯދުމަށްޓަައި، އަމިއްލައަށް ކޯޓުތަކުގައި ދައުވާ ކުރުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭން އެކޮމިޝަނުން އެދިއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި އޭސީސީއަށް ދޭން ހިމަނާފައިވާ ބަޖެޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެސެޓް ރިކަވަރީއާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ގާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތަކީ ތަހުގީގު ކުރާ މައްސަލަތަކުން އެނގޭ ފައިސާގެ އަދަދުތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ދެންނެވުމަށް ކަމަށެވެ.

އެ ފައިސާތައް ހޯދުމަށް ޝަރީއަތަށް ދިއުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޝާމިލް ވިދާޅުވީ މިހާރު އެހެން ގައުމުތަކުގައި އެކަންތައް އޮންނަނީ އެގޮތަށް ނޫން ކަމަށެވެ.

"އެސެޓް ރިކަވަރީގައި މިހާރު ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމެއްގައިވެސް އަދި އެންމެ ރަނގަޅަށް އެމަސައްކަތް ކުރާ ގައުމުތަކުގައި ނޮންކޮންވިކްޝަންބޭސްޓް އެސެޓް ރިކަވަރީއޭ މިކިޔާ ޖިނާއީގޮތުން މީހަކު ކުށްވެރިނުވާ ހާލަތުގައިވެސް މަދަނީގޮތުން އެމީހާ ލިބިގަނެފައިވާ މުއްސަނދިކަމަކީ ހަަމަ ހަގީގަތުގައި ވެސް އެމީހާގެ ޖާއިޒް މުއްސަނދިކަމުން ލިބިގަނެފައިވާ މުއްސަނދިކަމެއް ނޫން ކަމަށް ސާބިތު ކުރެވޭ ހިސާބުން އެންޓިކޮރަޕްޝަންތަކަށް ވަޑައިގެންނެވޭ މަދަނީގޮތުން އެ ދައުވާކުރަން،"

ނަމަވެސް ރާއްޖޭގައި އޭސީސީއަށް އެބާރު ދީފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޝާމިލް ވިދާޅުވީ އެފަދަ ކަންތައްތައް ހިމަނައިގެން ރާއްޖެއަށް ބޭނުންވާ ނަމޫނާ ގާނޫނެއް އޭސީސީން އެކުލަވާލައި މުއައްސަސާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"ކުށްކޮށްގެން ހޯދާ މުއްސަނދިކަމާއި ކުށްކުރަން ބޭނުންކުރާ ފައިސާ އާއި އިނގިރޭސިން މި ކިޔާ ޕްރޮސީޑްސް އޮފް ކްރައިމްއާ އިންސްޓްރޫ މެންޓަޓިސްއާ ގުޅޭގޮތުން އަޅުގަނޑުމެން އިންޓަނޭޝަނަލް އެކްސްޕާޓެއްގެ ވެސް އެހީގައި މަސައްކަތްތަކެއްކޮށް، ކޮމިޝަންގެ ތެރޭގައި ވެސް ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކޮށް ރާއްޖެއަށް ބޭނުންވާނެ އެކަމާބެހޭ ނަމޫނާ ގާނޫނެއް އެކުލަވާލައި މުހިއްމު މުއައްސަސާތަކާ ހިއްސާކޮށްފަވާނެ، މަޖިލީހާވެސް ވާނީ ހިއްސާކޮށްފައި، އެޓާނީ ޖެނެރަލްގެ އޮފިހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާވެސް ވާނީ ހިއްސާކޮށްފައި،"

ޝާމިލް ވިދާޅުވީ އެގޮތަށް މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގެ ބާރު އޭސީސިއަށް ލިބޭނެ ގޮތް މަޖިލީހުން ތަނަވަސްކޮށްދީފި ނަމަ، އެކަންތައް ކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭސީސީއާ މެދު ރައްޔިތުންގެ އޮތް ކަންބޮޑުވުންތައްވެސް ހައްލުވާނެއެވެ.

"މިހާރުވެސް އެމްއެމްޕީއާރުސީ ކޭސްތަކުގައި ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން އަޅުގަނޑުމެންނަކަށް ނުދެވޭ، އެކަަމަކު އަޑުގަނޑުމެންނަށް ބާރުދީފައި ދެން އަޅުގަނޑުމެން ނުގޮސް ތިބިއްޔާ އަޅުގަނޑުމެންގެ މައްޗަށް ފިޔަވަޅު ވެސް އެޅޭނެ، އެކަމަކު މިހާރު އޮންނަ ވަރަށް ބޮޑު ގަބޫލު ކުރުމެއް އޭސީސީންނޭ ލާރި ހޯދަން ޖެހޭނީ. އެކަމަކު އޭސީސީއަށް ހަމައެކަނި ބުނެދެވެން މިއޮންނަނީ ގާނޫނުގެ ތެރެއިން ފައިސާގެ އަދަދު އެ އަދަދަށްފަހުގައިދެން އެ ފައިސާ ހޯދަން އަޅުގަނޑުމެނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް،"