އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނީއްސުރެ މިހާތަނަށް އެކި ގޮތްގޮތުން ދައުލަތަށް ގެއްލިގެން ގޮސްފައިވާ ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، އޭސީސީއަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭގޮތުން މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭސީސީން ކުރާ ތަހުގީގަށް ފާހަގަކުރެވޭ ފައިސާ ދައުލަތަށް ހޯދުމަށް އޭސީސީން ކޯޓަށް ދިއުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ.

"ކޮމިޝަންގެ ގާނޫނުން މަތިކުރެވިފައިވާ ބާރުތަކަށް ބަލާ އިރު، ކުށާ ގުޅިގެން ދައުލަތުން ގެއްލިގެންދާ ޕްރޮސީޑްސް އޮފް ކްރައިމް ކަމަށްވިޔަސް ކުށްކުރުމުގެ ނަތީޖާއަކުން ހޯދޭ އަދި ލިބިގަންނަ މަންފާ ކަމަށްވިޔަސް، ކުށްކުރަން ބޭނުންކުރާ ފައިސާ ކަމަށްވިޔަސް، ދައުލަތަށް އަނބުރާ ހޯދަން ގޮސް ކޯޓެއްގައި އެދުމުގެ ބާރެއް ވިޔަސް އެ ބާވަތުގެ އެހެން ބާރެއްވިޔަސް ކޮމިޝަނަކަށް ނޯވޭ،" އޭނާ ވިދާޅުވިއެވެ.

އޭސީސީއަށް މަސްއޫލުކޮށް ގާނޫނުން ދީފައި އޮންނަ ބާރުގެ ތެރޭގައި އޮންނަނީ ތަހުގީގުތަކުން އޭސީސީއަށް ފާހަގަކުރެވޭ ފައިސާގެ އަދަދުތައް ދެނެގަނެ އެ އަދަދުތައް އަނބުރާ ހޯދަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

އެގޮތުން އޭސީސީން ބޮޑެތި ކާމިޔާބުތަކެއް ކޮމިޝަނުން ހޯދާފައިވާ ކަމަށާއި، 2024 އަހަރު 80 މިލިއަން ރުފިޔާ ހޯދަން އަދި މިއަހަރު ފައިސާގެ ބޮޑެތި އަދަދުތަކެއް ހޯދަން އަންގާފައިވާ ކަމަށްވެސް ޝާމިލް ވިދާޅުވިއެެވެ.

އެގޮތުން އެ މައްސަަލަތަކުގައި ދައުވާކުރުމާ ބެހޭގޮތުން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހާއެކު މަސައްކަތްކޮށް ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅި އަދި ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ މަގުމަތީގައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.