މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށްގެންދަން މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ ގޮތަށް އެ ކޮމިޓީން ނިންމީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިން މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ދާހިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިދިޔަ ހައްޖަކީ ރާއްޖެއަށް މައްކާ ރޫޓްގެ ތަޖުރިބާގެ ފަހަރު ކަމުން، މި ކަމާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝަނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ފާހަގަކުރެއްވި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދާއިމީ ގޮތެއްގައި މައްކާ ރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ޝަހީމް ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖެ ދާއިމީ ކޮށްދެއްވިކަމަށްޓަކައި ރައީސް ޑރ. މުއިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނަށާއި ވަހީ އަހުދު އަދި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްްވައިފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
އަދި އެ ޕްރޮގްރާމްގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭ އިރު، ހައްޖުވެރިންގެ ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެއެވެ.
އަލީ ޔާމިން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ