މީރާ އާއި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 6.7 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބައޮތް ކަމަށް އޮޑިޓާ ޖެެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެެނެރަލް މިކަން ފާހަގަކުރެއްވީ 2026 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ބަޖެޓާ ބެހޭގޮތުން އޮޑިޓާ ޖެނެރަލަށް ފާހަގަކުރެވޭ ކަންތައްތައް ހިމަނައިގެން ހުށަހެޅި ކަރުދާހުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މި ކަރުދާސް ހުށަހަޅުއްވަމުން އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ އަހަރުން އަހަރަށް އިތުރުވެގެންދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ހިސާބުތަކަށް ބަލާއިރުގައި ދައުލަތުގެ އާމްދަނީ ވަންނަ މައިގަނޑު ދެ އިދާރާކަމަށްވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އަދި ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް 16 ބިލިއަން ރުފިޔާ ލިބެންޖެހޭކަމަށް މީރާގެ ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ތެރޭގައި ހިމެނެނީ ޓެކްސްއާ، ޓެކްސް ޖޫރިމަނާގެ ގޮތިގައި ލިބެންޖެހޭ 6.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ދާއިރާތަކުން ލިބެންޖެހޭ 9.4 ބިލިޔަން ރުފިޔާ، އޭގެ އިތުރުން ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު ވެސް އަހަރުން އަހަރަށް ލިބެންޖެހޭ ފައިސާ އިތުރުވަމުންދާކަން ފާހަގަކުރެވޭ، ދެން މިއަހަރުގެ ހިސާބުތަކަށް ބަލާއިރުގަ، ދުންފަތުގެ ބާވަތްތަކާ ގުޅޭ އެކިއެކި ޖޫރިމަނާގޮތުގައި ލިބެންޖެހޭ އެމައުންޓެއް އެބައޮތް އޯވަޑިއުވެެގެން ގޮސްފަ ގާތްގަނޑަކަށް 606 މިލިއަން ރުފިޔާ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރާ ހަމައަށް އައިއިރުގައި އެބޭފުޅުންގެ ރެކޯޑްތަކުން އެބަ ދައްކާ އޯވަޑިއު ނުވަތަ ޑިއު އަމައުންޓްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.