މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 8،511،029.30 (8.5 މިލިއަން) ރުފިޔާ ދައްކަން ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު މުހައްމަދު ޖުނައިދުގެ ކުންފުނި ކަމަށްވާ އޮންދިގޯ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ބިޒްނަސް ޕޯޓަލުގައިވާ ގޮތުން ޖުނައިދަކީ، އޮންދިގޯގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުނީގެ އެއް ހިސާދާރެވެ. އަދި ކުންފުނީގެ ބޯޑު ޑިރެކްޓަރެކެވެ. ބިޒްނަލް ޕޯޓަލުގައިވާ ގޮތުން އެ ކުންފުނި މިހާރު ވަނީ ވައިންޑިންއަޕްގައެވެ.

މީރާއިން އެ ކުންފުންޏާ ދެކޮޅަށް ކުރި ދައުވާގައި ބަޔާންކޮށްފައިވަނީ "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" ގެ ދަށުން ދަށުން ޓެކްސް ނަގާ މުއްދަތުގައި (2020 ވަނަ އަަހަރުގެ މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް) ޖީއެސްޓީ ގާނޫނުގެ ދަށުން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 7،323،2024.03 (7.3 މިލިއަން) ރުފިޔާ ކަނޑައަޅައިފައިވާ ތާރީހަށް އޮންދިގޯއިން ދައްކާފައިނުވާ ކަމަށެވެ.

އަދި ޖީއެސްޓީ ދައްކާފައިނުވުމުން ޖޫރިމަނާގެ ޖުމުލަ އަދަދު 1،187،351 (1.1 މިލިއަން) ރުފިޔާއާއި "ކުނި މެނޭޖުކުރުމުގެ ގާނޫނު" ގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކަންޖެހޭ 474 ރުފިޔާއާއެކު ޖުމުލަ 8،511،029.30 (8.5 މިލިއަން) ރުފިޔާ، އޮންދިގޯގެ ފަރާތުން އެކީ އެއް ފަހަރާ ހޯދުމަށް އެދޭކަމަށް ދައުވާގައި މީރާއިން ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ލިޔެކިޔުންތައް ކޯޓުންވަނީ އޮންދިގޯއަށް ހަވާލުކޮށްފައެވެ. ނަމަވެސް އޮންދިގޯގެ ފަރާތުން ދައުވާއަށް ރައްދު ހުށަހަޅާފައެއް ނުވެއެވެ. އެހެންވެ މީރާއިން ވަނީ، އޮންދިގޯގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުން ފައިސާގެ އަދަދު ސީދާ ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދައުވާއެއްގައި، ދައުވާއަށް ރައްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް ރައްދުދީފައިނުވާނަމަ، ޝަރީއަތް ހިންގުމަކާ ނުލައި ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދޭ ފޯމު މެދުވެރިކޮށް ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށް ދައުވާކުރާ ފަރާތުން ހުށަހެޅިދާނެ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނީ މިރާއީން އެދުނު ގޮތަށް ޖުމުލަ 8،511،029.30 (8.5 މިލިއަން) ރުފިޔާ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މީރާއަށް ދައްކައި ހަލާސްކުރުމަށް ހުކުމްކުރާ ކަމަށެވެ.