ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ގައުމީ ސިއްހީ ލެބޯޓަރީގެ ފީސިބިލިޓީ ހެދުމަށާއި ޑިޒައިން އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްގެންދިއުމަށް ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ގައުމީ ސިއްހީ ލެބޯޓަރީ ހެދުމަށް މަސައްކަތު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއް ސަމަދު އަބްދުﷲ އެވެ. އަދި ޖަރުމަންގެ ޖައިޓެކް ކޮންސަލްޓަންސިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ރަނގަޅުކުރުމަށް އެކަމާ ގުޅޭ، ގައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މިއަދު ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.
"ތަފާތު ބޭސްތައް ތަހުލީލުކުރުމާއި އެފަދަ މުހިންމު ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަރޯސާވާންޖެހެނީ ބޭރުގެ ލެބޯރެޓެރީތަކަށް. މިކަމުގެ ސަބަބުން އެކަމަށް ހިނގާ ހަރަދު އިތުރުވެ، ހަދަރު ބޮޑުވެ، އެންމެ މުހިންމު ވަގުތުތަކުގައި އަޅުގަނޑުމެންނަށް އެ ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުދުވަސް ތެރޭ ނިމި، އެތަނުން ރައްޔިތުންނަށް ހިދުމަތް ލިބޭ ތަނަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ލެބޯޓަރީގެ މަސައްކަތް ޖަރުމަނުގެ ކުންފުނިން، އެތަނުގެ ކޮންސަލްޓެންސީއާއި ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަސްތެރޭގައި ނިންމައި، ދެވަނަ ފޭސްގެ ދަށުން ކޮންޓްރެކްޓަރެއް ހޯދައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ލެބޯޓަރީ ގާއިމުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގައި 12 ފްލޯއަށް ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ލެބޯޓަރީ ވާނީ ސްޓޭޓް ފެންވަރުގެ ތަނަކަށް ކަމަށެވެ.
އެ ތަނުގައި މައިކޮލޮޖީ، އިންޓާނޮލޮޖީ އަދި ޕެރަސަޓޮނޮލޮޖީގެ ޓެސްޓުތައް ހެދިގެންދާނެ ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ދިރާސާތައް ކުރުމުގެ ފުރުސަތު އެ ލެބޯޓަރީގެ ތެރެއިން ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އިންފުލެއެންޒާ ސެންޓަރާއި ރޯޝަނީ ބިލްޑިންގައި ހިންގަމުންގެންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިދާރީ މަސައްކަތްތައް ވެސް އާ އިމާރާތަށް ބަދަލުކުރުން ހިމެނޭ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
"ނަތީޖާއެއްގެ ގޮތުން އެމްއެފްޑީއޭއިން މިހާރު ކުރަމުންގެންދާ ގިނަ މަސައްކަތްތަކަށް ހަލުވިކަން އައިސް ތަނަވަސް މާހައުލެއްގައި މަސައްކަތް ކުރުމުގެ ފަހި ފުރުސަތު ލިބިގެންދާނެ. އެ އިމާރާތުގައި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފައި،" މިނިސްޓަރު ނާޒިމް ވިދާޅުވިއެެވެ.
އިމާރާތް ނިމުމުން ފުރިހަމަކުރާނެ އިތުރު ވަސީލަތްތަކަށް އަލިއަޅުއްވައިލައްވަމުން ނާޒިމް ވިދާޅުވީ ގައުމީ ލެބޯޓަރީގައި މަލްޓިޕާޕަސް ހޯލް، ލައިބްރަރީ، ޖިމް، ރެކްރިއޭޝަން، ޗައިލްޑް ކެއާ ފެސިލިޓީ، އެކޮމޮޑޭޝަން، ނަމާދުކުރާނެ ތަނެއް، ވެހިކަލް ޕާކްކުރާނެ ޖާގަ ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ލެބޯޓްރީ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކުރިއެރުމާއެކު މި ދާއިރާގައި ފަންނީ މާހިރުން ކުރިއެރުވުމަށް ޒަމާނީ ވަސިލަތްތައްވެސް ގާއިމުކުރެވިގެންދާނެ. މި އިމާރާތް ތަރުތީބުކުރެވުގެންދާނީ ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް، އިންޓަނޭޝަނަލް ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް. އުންމީދަކީ މި މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މުވައްޒަފުންނަށް އުފެންދުންތެެރި މާހައުލެެއްް ގާއިމުކުރެވި، ފެންވަރު ރަނގަޅު މަގު ތަނަވަސްވެގެންދިއުން،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ކުނި މެނޭޖުކުރާނެ ސަރަހައްދުތަކާއި މެޑިކަަލް އަދި ނޮންމެޑިކަލް ތަކެތި ރައްކާކުރާނެ ތަނަކާއި ކޯ ޗެއިން ފެސިލިޓީގެ އިިތުރުން ގައުމީ މެޑިކަލް ވޯކްޝޮޕްވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް