އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލިންގް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" އިން ބުނެފައިވާ ގޮތުގައި "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ ދިހަ ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން ވަނީ އޯޑަރު ދީފައެވެ.

އެ ސައިޓުގައި ބުނީ ކަނޑުގެ ފެން ފަށަލައިގެ އެއް މީޓަރު އުހުގައި އޮވެ ގަޑިއަކު 46 ކިލޯމީޓަރު ބާރަށް ދުއްވޭ އެ ބޯޓުތައް ރާއްޖެ ގެނެސް ހިދުމަތް ފަށާނީ އަންނަ އަހަރުގައި ކަމަށެވެ.

އެ ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގައި ކަމަށްވެސް "އިލެކްޓްރިވް" އިން ބުންޏެވެ.

އެ ބޯޓުތަކަށް ތެޔޮ އަޅަން ނުޖެހޭ އިރު، އެ ބޯޓުތައް ދުއްވަނީ ބެޓެރީގެ އެހީގައެވެ.

ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ އެފަދަ ބޯޓުތަކަށް އޯޑަރުކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ، ސްވިޑެން ފަދަ ގައުމުތައް ހިމެނެއެވެ.