އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ސަންޑަލޭންޑް ކައިރިން އެއްވަރުވެއްޖެއެވެ.

ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު، އާސެނަލުން އެންމެފަހުން ކުޅުނު އަށް މެޗުންވެސް މޮޅުވެފައި އޮތީ ކޮޅަށް ގޯލެއްވެސް ނުވައްދައެވެ.

އަނެއްކޮޅުން ސަންޑަލޭންޑްވެސް ރަނގަޅު ފޯމެއްގައި މެޗަށް ނުކުތް އިރު، ރޭ ހޯދި ޕޮއިންޓާއެކު އެޓީމު ވަނީ ތިންވަނައަށް ޖެހިލައިފައެވެ. އެއީ 11 މެޗުން 19 ޕޮއިންޓާއެކުގައެވެ. އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 10 މެޗުން 19 ޕޮއިންޓާއެކުގައެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ސިޓީއަށް އާސެނަލާ ގާތަށް ޖެހިލެވޭނެއެވެ.

ފުރަތަމަ ހާފުގައި ސަންޑަލޭންޑް ފެނުނީ ރަނގަޅު ރޫހެއްގައެވެ. ވަރުގަދަ އާސެނަލް ކައިރިން އެޓީމުން ޑޮމިނޭޓް ކޮށްފައިވާ އިރު، ނަތީޖާއެއްގެ ގޮތުން ލީޑުވެސް ނެގިއެވެ. 36 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ކުރިން އާސެނަލަށް ކުޅުނު ޑެނިއަލް ބަލާޑެވެ.

އެ ގޯލަކީ 812 މިނެޓުފަހުން އާސެނަލް ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

އެ ގޯލާއެކު އާސެނަލް ފަހަތަށް ވެއްޓުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ހާލަތު ބަދަލުކޮށްލިއެވެ. ބުކަޔޯ ސަކާގެ ގޯލަކުން އެއްވަރުކޮށް، އާސެނަލް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން މާޓިން ޒުބިމެންޑީގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ.

އޭގެފަހުން ލެއާންޑްރޯ ޓްރޮސާޑްގެ ގޯލުން އާސެނަލް ލީޑު ނެގި ނަމަވެސް، އެންމެ ފަހު މިނެޓުގައި ބްރައިން ބްރޮބޭ ވަނީ އާސެނަލްގެ ރެކޯޑަށް ނިމުން ގެންނަން މެޗު އެއްވަރުކޮށްފައެވެ.