ބުރަކޮށް މަސައްކަތް ކޮށްފިނަމަ، ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ) އިން ކާމިޔާބު ހޯދޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 49 އެތުލީޓުން ވާދަކުރާ އައިއެސްޖީ، ސައުދީ އަރަބިއާގެ ރިޔާދުގައި ރޭ ފެށީ ކުލަގަދަ ރަސްމިޔާތަކާ އެކުގައެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލާފައިވަނީ އެންމެ ފަހުގެ ގައުމީ ޓީޓީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި ގައުމީ ސީނިއާ ފެތުންތެރިޔާ އިމްއާން އަލީއެވެ.

މިފަހަރު ރާއްޖެއިން ވާދަކުރާނީ ސްވިމިންގް، ޓޭބަލް ޓެނިސް، ހޭންޑްބޯލް، އެތުލެޓިކްސްގައެވެ. އެންމެފަހުން ތުރުކީގެ ކޮންޏާގައި ބޭއްވި އައިއެސްޖީން ރާއްޖޭގެ އަންހެން ޓީޓީ ޓީމް ވަނީ ލޯ މެޑަލް ހޯދާފައިއެވެ.

"މިއީ ޔޫތު ގޭމްސްއަށްވުރެ ވާދަވެރި ގޭމްސްއެއް. އަދި މިފަހަރުގެ ގޭމްސްއަކީ މިހާތަނަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށްފައިވާ ހުރިހާ ގައުމުތަކަކުންވެސް ބައިވެރިވާ ގޭމްސްއެއް. އެހެންވީމަ މިއީ ތާރީހީ ގޭމްސްްއެއް. އަދި ގޭމްސްގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެން ދާނެ އޭގެ ސަބަބުން،" ސައުދީގައި ހުރެ އެމްއޯސީ މީޑިއާ ޓީމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޭމްސްއަކީ ވާދަވެރި ގޭމްސްއެއް ނަމަވެސް، އެއް އަޒުމެއްގައި މަސައްކަތް ކޮށްފިނަމަ، ކާމިޔާބީއާ ހަމައަށް ވާސިލްވާނެ ކަމަށެވެ.

"ވާދަވެރިކަން އޮތުމާވެސްއެކު، އަޅުގަނޑު އެދެނީ އެންމެންވެސް އަޒުމު ވަރުގަދަކޮށް، ރަނގަޅު ޕާފޯމަންސެއް ދައްކަން މަސައްކަތް ކުރުން. ކޮންމެ ކުއްޖަކުވެސް އެކުޖަކަށް ލެވޭ މެކްސިމަމް އެފޮޓް ލައިގެން، ރަނގަޅު ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރުން އެދެން. މުޅި ރާއްޖޭގެ ރައްޔިތުންނާއި ހުރިހާ އެންމެންވެސް މިތިބީ އެ ކުދިންގެ ފަހަތުގައި. އިރާދަކުރެއްވިއްޔާ ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ރަނގަޅު ކާމިޔާބީއެއް ލިބިގެންދާނެ،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

އައިސްޖީގައި ދިވެހި އެތުލީޓުންގެ އިވެންޓްތައް މިއަދު ފަށާފައިވާ އިރު، މިއަދު ސްވިމިންއާއި ޓޭބަލް ޓެނިހުގައި ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވެއެވެ.