އިންޑިއާގެ ޓޮޕް ޑިވިޝން، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އަލުން ފެށޭނެ ތާރީހެއް ޔަގީންކޮށް ނޭނގޭތީ، އެންމެފަހުގެ ޗެމްޕިއަން މޯހަން ބަގާނުން ސީނިއާ ޓީމުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފިއެވެ.

އައިއެސްއެލްއާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާ ދެމެދު ޖެހުނު ރައިޓްސްގެ މައްސަލަގަނޑެއްގެ ސަބަބުން، މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި، އެކަން ވަނީ ދިގުލައިގެން ގޮސްފައެވެ.

އައިއެސްއެލް ހިންގަމުން އަންނަ ފުޓްބޯލް ސްޕޯޓްސް ޑެވަލޮޕްމަންޓް ލިމިޓެޑް (އެފްއެސްޑީއެލް)އިން ބުނީ އައިއެސްއެލްގެ މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި ދިގުލައިގެން ދިޔުމުން، ލީގު ތާވަލު ކޮށްފައި އޮތް މުއްދަތަށްވުރެ ދެ މަސްވަރު މިހާރުވެސް ފަސްކޮށްފައިވާ ކަމަށެވެ.

އައިއެސްއެލްގެ ކޮމާޝަލް ޕާޓްނަރާއެކު ފުރަތަމަ ވެފައި އޮތް އެއްބަސްވުން، ޑިސެމްބަރު މަހަށް ހަމަވާ އިރު، އެ އެއްބަސްވުން އޮތްގޮތަށް ސީޒަން ފަށަން އެފްއެސްޑީއެލްވެސް ބޭނުމެއް ނުވެއެވެ.

އެ މައްސަލަ ހައްލުކުރުމަށް، އާ ކޮމާޝަލް ޕާޓްނަރަކަށް އައިއެސްއެލްއިން ފުރުސަތު ހުޅުވާލި ނަމަވެސް، އެކަމަށް ޝައުގުވެރިވާ އެއްވެސް ކުންފުންޏެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން އަނެއްކާވެސް ލީގު ފެށުން ވަނީ ތާރީހެއް ނެތް ގޮތަށް ފަސްވެފައެވެ.

ކަލްކަތާއަށް ނިސްބަތްވާ މޯހަން ބަގާނުން ބުނީ ލީގު ނުފެށި ލަސްވުމުން ފުރަތަމަ ޓީމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައިވީ ނަމަވެސް، ލީގު ފެށޭނެ ސީދާ ތާރީހެއް އިއުލާނު ކުރެވުމުން އެނބުރި ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށެވެ.

މޯހަން ބަގާނުން މިފަހަރު އޭޝިއަން ޗެމްޕިއަންސް ލީގު ދޭއްގައި ވާދަކުރަން އޮތް ނަމަވެސް، އެ މުބާރާތުން އެ ކްލަބު ވަނީ ބޭރުކޮށްލައިފައެވެ. އެއީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އިރާނުގައި އެގައުމުގެ ސެޕަހަންއާ ދެކޮޅަށް ކުޅެން އޮތް ގްރޫޕް ސްޓޭޖު މެޗަށް ނުދިޔުމުންނެވެ.

އައިއެސްއެލްގެ ހާލަތާ މެދު ކަންބޮޑުވުންތަކެއް އޮތް އިރު، އޮޑީޝާ އެފްސީއާއި ބެންގަލޫރު އެފްސީންވެސް ވަނީ ކުޅުންތެރިންނަށް މުސާރަ ދިނުން ހުއްޓާލައިފައެވެ.