އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ޖަލްސާގައި ރައްޔިތުން ތިބީ ކޮން ލީޑަރަކާއެކުގައިކަން އަދި ތިބީ ކޮން ފިކުރެއްގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުގައި މާލޭގައި ޕީއެންސީން މިއަދު ބޭއްވި ހަރަކާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ޖަލްސާއަށް ދާނީ އެއްޗެއް ނޭނގި ކަމެއް އޮޅުންފިލުވަން ނޫން ކަަމަށާއި ރައްޔިތުން ޖަލްސާއަށް ރައްޔިތުން ދާނީ ހުރިހާ ކަމެއް އެނގިގެން ކަމަށެވެ.
ޕީއެންސީގެ ޖަލްސާއަށް ރައްޔިތުން ދާނީ ކަން ހިނގާ މަގު އެނގޭތީ، މި ވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާއެކީގައި އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ކަމަށާއި ޕީއެންސީގެ ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެރޭ ފެންނާނެ ދިވެހިރާއްޖެ އޮތް ގޮތް. ދިވެހިރާއްޖެ އޮތީ ކޮން ފިކުރެއްގައިކަން، ކޮން ލީޑަރަކާއެކުގައިކަން ވަރަށް ސާފުކޮށް އިރާދަކުރެއްވިއްޔާ 14 ވަނަ ދުވަހުގެ ރޭ ހެދިގޮނޑުދޮށުން ފެނިގެންދާނެ. މަސްތަގުބަލު ވަރަށް ސާފުކޮށް މިހާރު ފެންނަން އެބައޮތް އަޅުގަނޑުމެންނަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުން އާޓިފިޝަލް ބީޗަށް ޖަމާވަނީ ރައްޔިތުން ތިބީ ރައީސް މުއިއްޒާއެކުގައިކަން އަދި ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަ ރައްޔިތުން ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ކަަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގައެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ