ފާއިތުވި ދެ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް އަންނަ ހުކުރު ދުވަހު ޕީއެންސީގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ އެ ޖަލްސާގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ ޖަލްސާއާ ގުޅޭގޮތުން ސަންގު ޓީވީގެ ޕްރޮގްރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމްގައި ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވީ އެ ޖަލްސާގެ އެންމެ ބޮޑު އެއް ބޭނުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނާއި ފާއިތުވި އެމްޑީޕީގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ކުރިމަތިވި ހާލަތު އަލުން ހަނދާންކޮށްދިނުން ކަމަށެވެ.

"މިހާރު ރާއްޖެ އޮތް ހިސާބު ރައްޔިތުންނަށް ސާފުކޮށް ބުނެދިނުމަށް. އެކަން މުހިންމުވާ ސަބަބަކީ އަޅުގަނޑުމެންގެ ގައުމުގެ މީގެ ކުރިން އޮތީ ކޮންތާކުތޯ؟، އަޅުގަނޑުމެންނަށް އެމްޑީޕީ ސަރުކާރު ހަވާލުވިއިރު ކޮންތާކުތޯ ދިވެހި ގައުމު އޮތީ؟، އިޖުތިމާއީ ގޮތުން، އިގުތިސާދީ ގޮތުން، އަދި އެހެނިހެން އެންގަލްތަކުން. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ދިވެހި ރައްޔިތުންނަށް އެވާހަކަ ބުނެދޭން. އަދި އަޅުގަނޑުމެން މި ހޭދަކުރި ދެ އަހަރު، ރައީސް މުއިއްޒުގެ ވެރިކަމުގައި ހޭދަކުރި ދެ އަހަރު، އަޅުގަނޑުމެންނަށް އެ ހާސިލުކުރެވުނު ކަންތައްތަކަކީ ކޮބައިތޯ ސާފުކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

މެންބަރު އަލީ މޫސާ ވިދާޅުވީ އެ ކަންކަން ތާ އަބަދު ދިވެހި ރައްޔިތުންނަށް ބުނެދީ ހަނދާންކޮށްދިނުން މުހިންމު ކަމަށާއި އެއީ ޕީއެންސީގެ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ހޯދި ކާމިޔާބީއަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ދިވެހި ރައްޔިތުންނަށް ހާސިލުވި ކާމިޔާބީގެ ކަންކަން އަޅުގަނޑުމެން ބުނެދިނުން ނުވަތަ ހަނދުމަކޮށްދިނުން އެއީ ހަގީގަތުގައި މުހިންމު އެއް ކަމަކީ،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވި އިރު، އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ދަރަނީގެ މައްސަލަކަން ރައީސް މުއިއްޒު ވެސް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

ސަރުކާރުގެ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބާސެލޯސް ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ޑީފޯލްޓު ކޮށްލުމަށް ބަޔަކު ޑިޒައިން ކޮށްފައި ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، ރާއްޖޭގެ އިގުތިސޯދު މިހާރު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މި ސަރުކާރުން ދަރަނީގެ ގޮތުގައި މިހާތަނަށް އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކާފައިވާނެ ކަމަށާއި މިއަހަރުގެ ފުރަތަމަ 40 ހަފުތާގެ ތެރޭގައި ސަރުކާރު ހިންގާފައިވާނީ ފިސްކަލް ސާޕްލަސްއެއްގައި ކަމަށެވެ. އެއާއެކު ގިނަ އަހަރުތަކަކަށްފަހު 2025 ވަނަ އަހަރު ބަޖެޓުގެ ޑެފިސިޓް، ސިންގަލް ޑިޖިޓަށް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން އެސްޑީއެފް ބޭނުންކުރީ ބަޖެޓު ޑެފިސިޓް ފައިނޭންސްކޮށްގެން ނަތީޖާއެއް ނެތް ހަރަދުތަކަށް ކަމަށާއި ނަމަވެސް މި ސަރުކާރުން ވަނީ އެ ފަންޑު އަލުން ބިނާކޮށް، ބޭރު ފައިސާއިން ބަލަހައްޓާ ގޮތަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އެ ފަންޑުގައި 100 މިލިއަން ޑޮލަރަށްވުރެ ގިނަ ނަގުދު ފައިސާ މިވަގުތު އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.