ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި، އެންމެ ފަހުގެ ގައުމީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި ގައުމީ ގިނަ ރެކޯޑަތަކެއް ހަދާފައިވާ ފެތުންތެރިޔާ އަލީ އިމްއާން ހަމަޖައްސައިފިއެވެ.

ރިޔާދުގެ އެތުލީޓްސް ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ދިދަ އުފުލާނެ ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކުރެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއް ސައްތާރުއެވެ.

އެ އިވެންޓްގައި އެތުލީޓުންނާ ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހި ރާއްޖޭގެ ހުރިހާ އެތުލީތުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭނެ ކަމެއްކަމަށާއި، މަދު އެތުލީޓުންނަށް ލިބިގެންދާ ޝަރަފްއެއް ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ކޮންމެ އެތުލީޓަކުވެސް މަސައްކަތް ކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ، ގައުމީ ދިދަ އުފުލާލުމުގެ ޝަރަފް ލިބިގަތުމަށްކަމަށެވެ،

ރަފާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓީޓީ ކުޅުންތެރިޔާއެވެ. އޭނާ ރާއްޖެއަށް ރަން މެޑަލްވެސް ގެނެސްދީފައިވާ އިރު، ރަފާ ވަނީ ގައުމީ ތަށި ތިން ފަހަރު ހޯދައިފައެވެ.

ގައުމީ ފެތުންތެރިޔާ އަލީ އިމްއާންއަކީ ގައުމީ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ފެތުންތެރިއެކެވެ. އެގޮތުން އިމްއާންވަނީ 2023ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 100 މީޓަރު އަދި 200 މީޓަރު ބެކްސްޓްރޯކް ގައުމީ ރެކޯޑް ހަދާފައިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް މިރޭ ރާއްޖެ ގަޑިން 10:00 ގައެވެ.

ދިވެހިރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތަރު ކުޅިވަރަކުން 49 އެތުލީޓުންނެވެ. ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ހޭންޑްބޯޅަ، ސްވިމިންގެ އިތުރުން ޓޭބަލް ޓެނިހެވެ.