"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް" ގާނޫނުގެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދިޔަ އިރު، އެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކޮމިޓީއަށް ހުށަހެޅި ހުށަހެޅުންތަކާ ބެހޭގޮތުން ކޮމިޓީއަށް މިހާރު ނިންމޭނެ ގޮތެއް ނެތްކަމަށް ބުނެފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް" ގާނޫނުގެ ބިލު ކޮމީޓީން ދިރާސާކުރަމުންދިޔަ އިރު، އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށާއި، އެ ބިލު ރަނގަޅަށް ދިރާސާކުރުމަށްފަހު ހިޔާލު ހުށަހެޅުމަށް ހަތަރުމަސްދުވަހުގެ މުއްދަތެއް ދިނުމަށް އެދި އެމްޖޭއޭއިން ކޮމީޓީއަށް ހުށަހެޅި ކަމަށެވެ.

އެމްޖޭއޭއިން އެ ހުށަހެޅުންތައް ހުށަހެޅީ، ބިލުގައިވާ ކަންތައްތަކާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް ބިލު އެގޮތަށް ފާސްކުރަން ކޮމިޓީގައިވެސް ނޫސްވެރިން ދެކޮޅު ހެދުމުން، މިދިޔަ ސެޕްޓެމްބަރު މަސްތެރޭގައެވެ.

ނަމަވެސް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް ކޮމިޓީން ބިލު ފާސްކޮށް މަޖިލީހަށް ފޮނުވީ ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވައި، އެ ބިލު މަޖިލީހުންވެސް ފާސްކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވީ 18 ސެޕްޓެމްބަރުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ވިދާޅުވީ، ބިލު ދިރާސާކުރަމުންދިޔަ ދުވަސްވަރު އެމްޖޭއޭއިން އެ ހުށަހެޅުންތައް ކޮމިޓީއަށް ހުށަހެޅި ނަމަވެސް މިހާރު އެ ބިލު ގާނޫނަކަށްވެ، އެއަށް އަމަލު ކުރަމުންދާތީ އެއާ މެދު އިތުރަށް ނިންމޭނެ ގޮތެއް ނެތް ކަމަށެވެ.