އައްޑޫ ސިޓީ ހިތަދޫއާ ހުޅުދޫ - މީދޫ ގުޅާލާ ބުރިޖުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، މިހާރު ފުވައްމުލަކު ސިޓީ އަށާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު ހުޅުދޫއާއި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލައިގެން ބުރިޖު ޑިޒައިން ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ހަމަސް ދުވަހުގެ ތެރޭގައި ހުރިހާ ޓެކްނިކަލް މައުލޫމާތެއް ހިމެނޭގޮތަށް ތިން ޑިޒައިނެއް އެ ކުންފުނިން ސަރުކާރަށް ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ އެއް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި އެއީ ދުނިޔޭގެ ފެންވަރުގައި އެފަދަ މަސައްކަތުގައި އެންމެ ކުރީގައި ހިމެނޭ އެއް ކުންފުނިކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަސް ދުވަހުގެ އެގްރީމެންޓެއް އެއޮތީ ހެދިފަ. މިހާރު މަސައްކަތް ފަށައިފި، މިދިޔަ މަހުން ފެށިގެން މަސައްކަތް ފެށީ. އެހެންވީމަ މިއަން މަހު މާޗު، އެޕްރީލް ހިސާބަށް ދާއިރު ސަރުކާރުން އެ ފަރާތަށް ހުށަހަޅާނެ މި ލިޔުންތައް. ހުށަހެޅީމަ ދެން އަޅުގަނޑުމެން އޭގެ ތެރެއިން އެ ތިން އޮޕްޝަންގެ ތެރެއިން އެއް ޑިޒައިން ޗޫސްކޮށްފަ، އަޅުގަނޑުމެން އެގްރީމެންޓު ހަދާނީ އިރާދަކުރެއްވިއްޔާ ހަމަ މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަޅުގަނޑުމެންގެ އަމާޒު" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ބުރިޖާ ގުޅޭ ކަންކަން ދަނީ ރަސްމީކޮށް ހިނގަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ އޮކްޓޫބަރުމަހުގެ 26 ވަނަ ދުވަހު ބުނެފައިވަނީ ބުރިޖުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށް ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެން ޝީއޯހޫއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑާ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ބޭނުންވާ ލަފާ އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓު ހެދި އެ މަސައްކަތުގެ އަގަކީ 1,025,000 (އެއް މިލިއަން) އެމެރިކާ ޑޮލަރެވެ.

އައްޑޫ ބުރިޖު، ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ މިސްރު ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު، އައްޑޫ ސިޓީ ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުއްތަލިބު ސޮއިކުރެއްވި އިރު، ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު އަދި އިންޖީނިއާ ހެބާ އަހުމަދެވެ.

ހުޅުމީދޫއާއި ހުޅުދޫއާ ދޭތެރޭގައި ބުރިޖެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވަނީ އެ ބުރިޖުގެ މަސައްކަތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ވަނީ އެ ބުރިޖުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ހިލޭ ކޮށްދޭނެ ކަމަށް ސަރުކާރަށް އަންގާފައި ކަމަށެވެ.

އެ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ހަފުތާ14 ގައި ތެރޭގައި ވެސް ރައީސް މުއިއްޒު ވަނީ ހިމަނުއްވައިފައެވެ.

އެފަހުން މިދިޔަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ އައްޑޫ ބުރިޖުގެ ސާވޭ މަސައްކަތް އެ މަހުގެ ހަތްވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

އޭގެފަހުން މިއަހަރުގެ މާޗު ތިންވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ބުރިޖުގެ މަސައްކަތަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.