ސ. އަތޮޅު މަދަރުސާގައި އޮފީސް އިމާރާތެއް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އައްޑޫ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު ސްކޫލުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްްޑޫ ސިޓީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫ ހުޅުމީދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ސ. އަތޮޅު މަދަރުސާގައި އޮފީސް އިމާރާތެއް ހެދުމުގެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ މަޝަރޫއު އެމްޓީސީސީއާ ހަވާލުކުރީ 8.09 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ.

އެ މަޝްރޫއެގެ ދަށުން 6630 އަކަފޫޓުގެ ސަރަހައްްދެއްގައި ދެ ފްލޯއަށް އިމާރާތެއް ހެދުން ހިމެނެއެެވެ. އެއިން ކޮންމެ ފްލޯއެއްގައި 3315 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ 5500 މީހުންގެ އާބާދީއެއް ދިރިއުޅޭ ހުޅުމީދޫއަކީ އެ އަތޮޅުގެ އަތޮޅު މަދަރުސާ ހުންނަ ރަށް ކަމަށްވުމުން އެ ސްކޫލުގެ އިދާރީ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި އެއީ ތައުލީމީ ޖީލެއްް ބިނާކުރުމަށް އެ އަތޮޅު ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް ލިބޭނެ ބޮޑު ކުރި އެރުމެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.