ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ލަގެޖަކާ ހަވާލުވީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ކަމަށް ދިވެހި ޒުވާނަކު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ޑްރަގު ހުރި ލަގެޖާ ހަވާލުވީ، ޏ.ފުވައްމުލައް-މާލެގަން، ބުރެވިމާގޭ އަލީ ޝަހުދު 26އ އެވެ.

އޭނާގެ ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ބަންދު މަޖިލީހުގައި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވީ އެ މީހާ ހަވާލުވި ލަގެޖު ފޮށީގައި ފޮރުވައިފައިވާ ބައެއް ނުވަތަ "ފޯލްސް ބޮޓަމް"އެއް ހުރި ކަމަށާއި އެ ބައިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭގައި ހުރީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމުން، އެ ލަގެޖަކީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ހަވާލުވި ފޮއްޓެއް ކަމަށް އެ މީހާ ބުނި ކަމަށެވެ. ނަމަވެސް އެ ލަގެޖާ ދެން ހަވާލުވާނެ މީހަކު ބަލަން "ކޮންޓްރޯލް ޑެލިވަރީ"އެއް ކުރަން އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށާއި ފޯނުގެ ޕާސްވޯޑް ވެސް ކިޔައިދީފައިވަނީ ނުބައިކޮށް ކަމަށެވެ.

ދިފާއުވުމަށް ޝަހުދުގެ ފަރާތުން ބުނީ، އެއްބާރުލުން ދީފައިނުވަނީ ފުލުހުން އަމަލުކުރި ގޮތުން ކަމަށެވެ.