އައްޑޫ ސިޓީ ހިތަދޫގެ ފްލެޓަކުން އަންހެން ކުއްޖަކު ވެއްޓި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ހިތަދޫގެ 14 ވަނަ ފްލެޓުގެ ދެ ވަނަ ފަންގިފިލާއިން 15 އަހަރުގެ ކުއްޖަކު ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓެއް ރޭ 12:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި އެ ކުއްޖާގެ މައިބަދަ ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އެހެން ބައެއް އަނިޔާތައްވެސް ވެފައިވާކަން އެނގިފައިވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އައްޑޫ ހިތަދޫ ފްލެޓަކުން ކުއްޖަކު ވެއްޓި ފަރުވާދެމުންދާ އިރު، ހިޔާ ޓަވަރަކުން 33 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓި މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުވެފައެވެ. އަދި މާފަންނު ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓި އިއްޔެ ވަނީ ބިދޭސީއަކުވެސް މަރުވެފައެވެ.