ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މި މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަދީ މިދިޔަ ހޮނިހިރު ދުވަހު އެކަމާބެހޭ ގަވާއިދު ސަރުކާރުން އާންމުކުރުމާ ގުޅިގެންނެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން އައްބާސް މިއަދު ވިދާޅުވީ، މިމަހުން ފެށިގެން ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން ސަރުކާރުން ނިންމާފައިވުމަކީ ރާއްޖެއަށް އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމެއް ކަމަަށެވެ.

ކަނޑުގެ ނިޒާމުގައި މިޔަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހެއްކަމާއި، ކަނޑުގެ އެހެން ދިރުންތައް ކޮންޓްރޯލުކޮށް ކަނޑުގެ ސިއްހަތު ދެމެހެއްްޓުމަށް އެހީތެރިވާ "ކީސްޓޯން ސްޕީޝީޒް" އަކަށް ވާއިރު ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފިނަމަ މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށާއި، މިޔަރު މަދުވުމަކީ އެހެން މަސްތަކުގެ އާބާދީތަކަށް ބަދަލު އައިސް ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތަކަށް ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށްކުރާ ޑައިވިން އާއި ސްނޯކްލިންއަށް ވެފައި، ހާއްސަކޮށް ތަފާތު ވައްތަރުގެ މިޔަރާއި، އެންމަޑި ފަދަ ބޮޑެތި ކަނޑުގެ ދިރުންތައް ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ އަންނަކަންވެސް އައްބާސް ފާހަގަކުރެއްވިއެވެ.

"އެކި ދިރާސާތަކުން ދައްކާ ގޮތުގައި، ދިރޭ މިޔަރަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ އިގުތިސާދީ މަންފާ މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައްގުނައެއް ބޮޑުކަން ފާހަގަކުރެވިފައިވާ އިރު، ކަށި މިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފިނަމަ، މިޔަރުގެ އާބާދީ ދަށްވެ، ޓުރިޒަމަށް ބޮޑެތި ގެއްލުންތައް ލިބި، މިއީ ރާއްޖޭގެ އިގުތިސާދުގެ މައިބަދައަށް ލިބޭނެ ބޮޑު ގެއްލުމަކަށްވާނެ،"

މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި ރާއްޖެއިން މުޅި ދުނިޔެއަށް ދައްކާދީފައިވާ ނަމޫނާ އެ ގޮތުގައި ދެމެހެއްޓުމުގެ ބަދަލުގައި، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަމަށް ބަދުނާމު ލިބިދާނެ ކަމެއް ކަމަށްވެސް އައްބާސް ވިދާޅުވިއެެވެ.

އަދި އެކަމަކީ ދުނިޔޭގެ އެކި ޖަމިއްޔާތަކާއި ތިމާވެށި އެކްޓިވިސްޓުންގެ ފާޑުކިޔުންތައް ރާއްޖެއަށް އަމާޒުވެ ރާއްޖޭގެ ބްރޭންޑަށް ގެއްލުން ލިބުމުގެ އިތުރުން، މިޔަރުގެ ބާވަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށް އުނިކަން އައިސް ރާއްޖެ ބަދުނާމުވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖޭގައި ފުރުސަތު ދިނުމަކީ ކުރު މުއްދަތުގެ އިގުތިސާދީ ކުޑަ މަންފާއެއް ލިބިދާނެ ކަމެއް ކަމަށްވިޔަސް، އެކަމުގެ ސަބަބުން ދިގު މުއްދަތެއްގެ ގެއްލުން ތިމާވެއްޓަށާއި ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ ބައިނަލްއަގުވާމީ މަގާމަށް ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، މިއަދުގެ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެެރެއިން ގަރާރު ބަލައިގަތުމަށް، ވޯޓުދެއްވީ އައްބާސްއާއި އެމްޑީޕީގެ މެންބަރުން ހިމެނޭގޮތުން 10 މެންބަރުންނެވެ. ނަމަވެސް ގަރާރު މަޖިލީހުން ބޭރުކޮށްލުމަށް ޕީއެންސީގެ 44 މެންބަރުން ވޯޓުދެއްވިއެވެ.