އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އަޅައި ކިޔޭވަރު ނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް، އާލިން ހާލަންޑް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ނޯވޭ ފޯވަޑް ހާލަންޑް މިދިޔަ ދެތިން ސީޒަނުގައިވެސް ތަފާތު މޮޅު ފޯމެއްގައި ހުރި އިރު، މިހާތަނަށް މި ސީޒަނުގައިވެސް އޭނާ ވަނީ 26 ގޯލު ޖަހައިދީފައެވެ. މިހާތަނަށް ކެރިއަރުގައި 327 ގޯލު ޖަހާފައިވާ ހާލަންޑްގެ އަތުގައި ގިނަ ރެކޯޑުތަކެއްވެސް އެބަހުއްޓެވެ.

ހާލަންޑް މިހާތަނަށް ޖަހާފައިވާ ގޯލުގެ އަދަދާއެކު، އޭނާ މެސީއާއި ރޮނާލްޑޯގެ ގޯލު ރެކޯޑު މުގުރާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އުމުރުން 38 އަހަރުގެ މެސީ، މިހާތަނަށް ކެރިއަރުގައި 892 ގޯލު ޖަހާފައިވާ އިރު، 40 އަހަރުގެ ރޮނާލްޑޯ ވަނީ 952 ގޯލު ޖަހައިފައެވެ. ރޮނާލްޑޯ މިހާރު ޓާގެޓް ކޮށްފައިވަނީ 1000 ގޯލު ހަމަ ކުރުމަށެވެ.

އެ ރެކޯޑުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ހާލަންޑް ބުނީ، އެއްވެސް އިރެއްގައި ގިނަ ގޯލު ޖެހުމުގެ ރެކޯޑަކަށް ނުވިސްނާ ކަމަށާއި، މެސީއާއި ރޮނާލްޑޯގެ ނަމްބަރުތަކާ އެއްވެސް ކުޅުންތެރިޔަކަށް ގާތްވެސް ނުކުރެވޭނެ ކަމަށެވެ.

"މެސީއާއި ރޮނާލްޑޯއާ އަހަރެން އަދި ގާތްވެސް ނުކުރޭ. އެ ފެންވަރެއްވެސް ނޫން. އެއީ އަދި މާ ކުރީގައި ތިބި ދެ ކުޅުންތެރިން. އަހަރެން އެ ދެ ކުޅުންތެރިންނާ ގާތްވެސް ނުކުރޭ،" ހާލަންޑް ބުންޏެވެ.

"އަހަރެން އަސްލުވެސް ރެކޯޑު ހަދާކަށް ނުވިސްނަން. އަހަންނަށް އަސްލު ނުވެސް އެނގޭ ގިނަ ރެކޯޑުތަކެއް. އަހަރެން ރެކޯޑުތަކަށް ނުވިސްނައި، އަބަދުވެސް ވިސްނަނީ ޓީމު މޮޅުކޮށްދެވޭނެ ގޮތަކަށް. އެއީ ހަމަ ހަގީގަތް. އަހަންނަކީ ނޯވޭގެ އާދައިގެ ކުޅުންތެެރިއެއް. ދެން ގޯލު ޖެހޭ ކުޅުންތެރިއެކޭ ބުނެވިދާނެ،" ހާލަންޑް ބުންޏެވެ.

ހާލަންޑް ބުނީ އޭނާގެ އެންމެ ބޮޑު ޓާގެޓަކީ ނޯވޭއަށް ބޮޑު މުބާރާތެއްގައި ކާމިޔާބު ހޯދައިދިނުން ކަމަށާއި، އެގައުމާއެކު ވޯލްޑް ކަޕް ކުޅުމަކީ ހުވަފެނެއް ކަމަށެވެ.