ނޯވޭއާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ނުކުންނަ އިރު، ޕްރެޝަރު ބޮޑުވާނީ އިންގްލެންޑަށް ކަމަށް ނޯވޭގެ ތަރި އާލިން ހާލަންޑް ބުނެފިއެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ނޯވޭން މިފަހަރުގެ ވޯލްޑް ކަޕަށް އެނބުރި އައިސްފައިވާ އިރު، މިހާތަނަށް އެޓީމު ފެނުނީ ނުރައްކާތެރި ޓީމެއްގެ ގޮތުގައެވެ. ނޯވޭއިން ގްރޫޕު ސްޓޭޖުގައި ބަލިވީ ހަމައެކަނި ފްރާންސް އަތުންނެވެ. އަނެއް ދެ މެޗުގައި ސެނެގާލް އަދި އިރާގު ވަނީ ބަލިކޮށްފައެވެ. ނޯވޭ އިން ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ގައި އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ. މިރޭގެ ކުއާޓާ ފައިނަލް މެޗަކީ ނޯވޭގެ ތާރީހުގައިވެސް ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ކުއާޓާ މެޗެވެ.

އިންގްލެންޑާ ދެކޮޅަށް ނޯވޭން މިރޭ ކުޅޭ މެޗުގައި ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފައިވާ ފޯވަޑް ހާލަންޑް ވަނީ މިހާތަނަށް މުބާރާތުގައި ހަތް ގޯލް ޖަހާފައިވާ އިރު، އޭނާ ދަނީ ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވާދަކުރަމުންނެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެމުންދާ ހާލަންޑަށްވުރެ ގިނައިން ގޯލް ޖަހާފައިވާ ހަމައެކަނި ދެ ކުޅުންތެރިންނަކީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ކިލިއަން އެމްބާޕޭއެވެ.

"ޔަގީނުންވެސް ފެވަރިޓުން އެބަ ފެނޭ. އޭގެ ތެރެއިން އެއް ޓީމަކީ އިންގްލެންޑް. އަހަންނަށް ހީވަނީ އިންގްލެންޑަށްހެން ހުރިހާ ޕްރެޝަރެއް ކުރަންވީ،" އިނގިރޭސިވިލާތަށް އުފަން ހާލަންޑް ބުންޏެވެ.

ހާލަންޑް މިދިޔަ ހަތަރު އަހަރުވެސް ހޭދަކޮށްފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައެވެ. ހާލަންޑް މެންޗެސްޓާ ސިޓީއާ ގުޅުނުފަހުން އޭނާ ވެފައި ވަނީ އިނގިރޭސި ލީގުން މިފަހަކަށް އައިސް ފާހަގަކުރެވުނު އެންމެ ނުރައްކާތެރި ފޯވަޑަށެވެ. މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނަ އިރު، ހާލަންޑާއެކު އެއް ޓީމެއްގައި ކުޅޭ ނުވަތަ ކުޅެފައިވާ ފަސް ކުޅުންތެރިޔަކު އިންގްލެންޑް ޓީމުގައި ހިމެނެއެވެ.