އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ބޯންމައުތު ބަލިކޮށްފިއެވެ.
ސިޓީން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފަހަތުން އަރައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީން ލީގު ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އާސެނަލް ކައިރިން ތަފާތު ބޮޑުކޮށް ބަލިވެފައިއޮތް އިރު، މިރޭގެ މެޗަށް ނުކުތީ އާ ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅެއް ހޯދުމަށެވެ.
ސިޓީން މެޗަށް ނުކުތީ މެދުތެރެއަށް ބަދަލުތަކެއް ގެނެސްގެންނެވެ. މާކް ގޭއީ ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެފައިވާ އިރު، މާކް އޮ ރައިލީ ފެނުނީވެސް މެދުތެރެއަށް ކުޅުނުތަނެވެ. ސިޓީގެ މެދަށް ކުރިން ކުޅެމުންދިޔަ ބަނާޑޯ ސިލްވާއާއި ރޮޑްރީ ކްލަބު ދޫކޮށްލާފައިވާ އިރު، އެ މަގާމުތައް ފޫބައްދަން އަދި އެންމެ ރަނގަޅު ޓްރާންސްފާތަކެއް ކުރެވިފައެއް ނުވެއެވެ.
ބޯންމައުތުން އާ ކޯޗު މާކޯ ރޯސްއާއެކު ނުކުމެ، 26 ވަނަ މިނެޓުގައި ވަނީ ލީޑު ނަގައިފައެވެ. މާކަސް ޓަވާނިއާ ޖެހި އެ ގޯލުން ބޯންމައުތު ލީޑު ނެގި ނަމަވެސް ސިޓީން ނުރައްކާކުރިއެވެ. އާލިން ހާލަންޑަށް ލިބުނު ރަނގަޅު ފުރުސަތުތަކެއް އޭނާ އަތުން ބޭކާރުވި އިރު، ހާލަންޑް މިރޭގެ މެޗަށް ނުކުތީ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިގެންނެވެ.
މިދިޔަ ވޯލްޑް ކަޕް ތެރޭގައިވެސް ހާލަންޑްގެ އިސްތަށިގަނޑަށް ސަމާލުކަން ބޮޑުވި އިރު، އޭނާ އިސްތަށިގަނޑު ކުރުކޮށްލުންވީ ސަމާލުކަން ބޮޑުވި ކަމަކަށެވެ.
ފަހު ހާފުގައިވެސް ސިޓީން ބޮޑަށް ނުރައްކާކުރި އިރު، ސިޓީން ހިތްވަރު ހޯދީ 84 މިނެޓުގައި ގޭއީ ޖެހި ގޯލުންނެވެ. އަދި އެންމެ ފަހުވަގުތު ޖޮސްކޮ ގްވާޑިއޯލް ކުރިއަށް ޖެހި ގޯލެއް ޖެހުމަށް ކުރި މަސައްކަތުގައި އޭނާ ވަނީ ރަޔަން ޗެރްކީ ދުއްވާލި ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ގްވާޑިއޯލް އެ ބޯޅަ ގޯލަށް ވައްދާލުމުން ފުރަތަމަ ލައިންސްމަން އޮފްސައިޑަށް ނެގި ނަމަވެސް، ވީއޭއާރް ބޭނުންކޮށްގެން ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް