ފުވައްމުލަކު ސިޓީގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބުދުالله ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި މަޝްރޫއަކީ 1.39 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 8,000 އަކަފޫޓުގެ ސަރަހައްދެއްގައި ސްކޭޓް ޕާކެއް ތަރައްގީ ކުރާނެއެވެ.