ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި އެފްކޭ ރަޑްނިކީ 1923 އިން ކުޅެމުންދިޔަ މެޗުގެ ތެރެއިން އެޓީމުގެ ކޯޗު ލާޑެން ޒީޒޯވިޗް މަރުވުމުން، ދެވަނަ ހާފު ތެރެއިން މެޗު ހުއްޓާލަން މަޖުބޫރު ވެއްޖެއެވެ.

ޒީޒޯވިޗް ޓީމުގެ ބެންޗުގައި ހުއްޓައި ކުއްލިއަކަށް ވެއްޓިގެން މެޗު ތެރެއިން ފަރުވާ ދީފައިވެއެވެ. ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، މަރުވިކަން އެނގުނީ ދެވަނަ ހާފުގެ ތެރެއިންނެވެ.

ރަޑްނިކީން ލަޑޯސްޓް ލުކާނީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ރެފްރީ މެޗު ހުއްޓާލީ ކޯޗު މަރުވި ހަބަރު ޔަގީންވުމާއެކުގައެވެ. އެހިސާބުން ރަޑްނިކީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ދެރަވެ، ދަނޑު މައްޗަށް ވެއްޓި ރޮއެ ހަދައިފައެވެ.

ޒީޒޯވިޗަކީ ކުރިން ބޮސްނިއާ އެންޑް ހާޒެގޯވީނާއަށް ކުޅެފައިވާ ކޯޗެކެވެ. އޭނާ ވަނީ ގައުމީ ޓީމުގެ އިތުރުން ލީގުގެ އެކި ކްލަބުތަކަށްވެސް ކުޅެފައެވެ. އުމުރުން 44 އަހަރުގެ ކޯޗު ޒީޒޯވިޗް ރަޑްނިކީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އޮކްޓޯބަރު މަހު 23 ވަނަ ދުވަހުއެވެ.

ކްލަބުން ނެރުނު ބަޔާނުގައި ބުނީ ގެއްލިގެން ދިޔައީ ހަމައެކަނި މޮޅު ކޯޗެއް ނޫން ކަމަށާއި، ހިތްހެޔޮ، އެހެން މީހުންނަށް ފުރިހަމައަށް އިހުތިރާމްކުރި ރަނގަޅު ޝަހުސިއްޔަތެއް ކަމަށެވެ.

ކޯޗު ޒީޒޯވިޗްގެ މަރާ ގުޅިގެން ސާބިއާ ފުޓުބޯޅަ އިދާރާއިންވެސް ތައުޒިޔާ ފޮނުވާފައިވާ އިރު، ބޮސްނިއާ ފުޓުބޯޅަ އިދާރާއިންވެސް ވަނީ ހިތާމަފާޅުކޮށް ބަޔާން ނެރެފައެވެ.

ޒީޒޯވިޗް މަރުވި ސަބަބު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.