ފުވައްމުލަކު ސްކޫލުގައި ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުލް ލަތީފް މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި މަޝްރޫއަކީ 19.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 16,272 އަކަފޫޓުގެ ސަރަހައްދެއްގައި 4 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. އަދި ކޮންމެ ފަންގިފިލައެއްގައި 4068 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.