މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ބޮޑުބައެއް ޓްރެފިކަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 8:00 އިން އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށެވެ. އެއާއެކު ފުލުހުން ވަނީ ޓްރެފިކަށް ބަންދުކުރާނެ ސަރަހައްދު ހިމެނޭ ޗާޓެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އެ ޗާޓުގައިވާ ގޮތުން ރައީސް އޮފީސް ސަރަހައްދުން ފެށިގެން މާރުކޭޓު ސަރަހައްދާ ހަމައަށް ޓްރެފިކަށް ބަންދުވާނެއެވެ. އަދި ޖުމްހޫރީ މައިދާނާ ދިމާއިން އޯކިޑް މަގުގެ ސަރަހައްދަކާއި ހުސައިނީގޯޅީގައި ވެހިކަލް ޕާކުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
  • 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
  • ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.