މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ވެސް މަރުވެއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ އެ ހާދިސާ ހިނގި ކަމަށް ރިޕޯޓުކުރީ އިއްޔެ މެންދުރުފަހު 3:44 ހާއިރު ކަމަށާއި އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންގެންދިޔަ ކަމަށެވެ. އޭގައި ތިބި 14 މީހުން މީހުން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވެގެން އައިޖީއެމްއެޗްއަށް ފަރުވާއަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހީން ކަމަށާއި އަނިޔާވި ބިދޭސީ ދެ މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެ، ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހާލު ސީރިއަސްވި ބިދޭސީ އިއްޔެ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން"އަށް މިއަދު ވިދާޅުވީ އަނިޔާވި ދިވެހީންގެ ތެރެއިން އެކަކު ރޭ 2:47 ހާއިރު މަރުވެފައިވާ ކަމަށެވެ. އެކަމާ ގުޅުންހުރި އިތުރު ތަފްސީލެއް އޭނާ ދެއްވައިފައެއް ނުވެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާދެމުންދިޔަ މީހާ މަރުވެފައިވާ ކަމަށާއި މަރުވެފައިވަނީ ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) ކަމަށެވެ.
އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ފާތިމަތު ލިއުޝާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް