ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ބަލިކޮށް، ކްލަބު އީގަލްސްއިން ފުރަތަމަ މޮޅެއް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސްއިން ޓީސީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެރިޓީ ޝީލްޑް މެޗުގެ އިތުރުން އޭގެފަހުން ލީގުގެ ފުރަތަމަ ހަ މެޗުންވެސް އީގަލްސްއަށް މޮޅެއް ހޯދިފައި ނުވާ އިރު، އޭގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ އެއްވަރު ކޮށްފައެވެ.
އީގަލްސްއަށް މި ސީޒަނުގެ ފެށުން ދިޔައީ އުނދަގޫ ކޮށެވެ. އެޓީމާ ޕްރި ސީޒަނުގައި ހަވާލުވެ ހުރި ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ގައުމީ ޓީމާ ހަވާލުވުމުން ސީޒަން ފެށީ ކޯޗު އަހުމަދު ނިމާދު (ނިމާ) އާ އެކުގައެވެ. އޭނާއާއެކު ސީޒަން ފަށައިގެން ވަކި ހިސާބަކުން އަނެއްކާވެސް ކޯޗުކަމާ ހަވާލުވީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
ބެންޖޯ ހަވާލުވިފަހުން މިހާތަނަށް އީގަލްސްގެ ނަތީޖާތައް ފެނުނީ ރަނގަޅަށެވެ. އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިން އީގަލްސް އެއްވަރުކުރި އިރު، މިއަދު ޓީސީ ކައިރިން ވަނީ މޮޅުވެފައެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ދެވަނަ ހާފުގައި އީގަލްސް އަށް ލީޑު ނަގައިދިނީ އިސްމާއީލް އީސަ (މެސީ) އެވެ. އެއީ 65 ވަނަ މިނިޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ބޯޅައެއްގައި އޭނާ ޖެހި ގޯލެކެވެ.
ޓީސީއަށް މެޗު އިތުރަށް އުނދަގޫވެގެން ދިޔައީ 75 ވަނަ މިނެޓުގައި ހަސަން އިނާޒަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ޓީސީގެ ކުޅުންތެރިއަކު މަދުވިތާ މިނިޓެއްހާއިރު ފަހުން އީގަލްސްއިން ދެވަނަ ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ޖަޕާން މިޑްފީލްޑަރު، ކަޓްސުޔޯޝީ ކިމިޝީމާއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު