ވޭޕް މަނާކުރުމުގެ ކުރިން މާލޭގެ ސްކޫލުތަކުން ދުވާލެއްގެ މައްޗަށް 60 އެއްހާ ވޭޕް ސްޓިކް ފެންނަ ކަމަށާއި ނަމަވެސް މިހާރު ވަރަށް ބޮޑުތަނުން މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސް، ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެންނެވެ. އެ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުމަކީ ވެސް މިހާރު މަނާކަމެކެވެ.

އޭގެ އިތުރުން އާ ގާނޫނުގެ ދަށުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނޭ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ތަންފީޒުކުރަން ވެސް އިއްޔެ ވަނީ ފަށައިފައެވެ.

"ޖެނެރޭޝަން ބޭން" ޓެލެތޯންގައި އިއްޔެ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ ވޭޕް މަަނާކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން 200 އަށްވުރެ ގިނަ ސްކޫލުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާކޮށްފައިވާނެ ކަމަށާއި ވޭޕް މަނާކުރުމަށް އެ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.

"މިނިސްޓްރީގެ ރެކޯޑްސްތަކަށް ބަލައިލާ އިރުގައި، ކުރީގައި މާލޭ އޭރިއާއަށް ބެލިކަމުގައިވިޔަސް، ދުވާލަކު 50، 60 ވޭޕް ސްޓިކް އަޅުގަނޑުމެންނަށް ފެނޭ. އެހެންނަމަވެސް މިހާރު ހަފުތާއެއްގެ މައްޗަށް އެކެއް، ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ. ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް ބޮޑު އެޗީވްމަންޓެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެކަނި ވޭޕް މަނާކޮށްގެން ބޭނުންވާ ނަތީޖާ ހާސިލުނުވާނެކަން އެނގިގެންދިޔަ ކަމަށާއި ދުންފަތާ ހެދި މަސްތުވާތަކެއްޗަށް ދެވި ހިފާ ޖީލެއް ކޮންމެވެސް ވަރަކަށް އުފެދެމުންދާ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"އަދި ދުންފަތް ބޭނުންކުރާ ވަރަށް ގިނަ ބެލެނިވެރިން ވެސް އަޅުގަނޑުމެންނާ މަޝްވަރާކޮށްފައި އެބަހުރި، އަޅުގަނޑުމެންނާ ވާހަކަދައްކާފައި އެބަހުރި، ތިމަންނާއަށް މީގެ ތެރެއަށް ވަދެވިފައި ނުނިކުމެވިގެންނޭ މިއުޅެނީ، ތިމަންނާގެ ދަރިން މިކަން ކުރާކަށް ނޭދެމޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ އެކަމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރެވިފައިވަނީ ވޭޕްގެ މަސައްކަތާއެކުގައި މުޖުތަމައު ހޭލުންތެރިކުރުވުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ.