ލ. ދަނބިދޫ އާއި އެ އަތޮޅު ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. ހުދުފަސް، ޔޫސުފް ނަސީމް (60އ) އާއި ލ. މުންޑޫ / ހީނާވިލާ، އަހުމަދު ޝަފީގު (55އ) އެވެ.
ފުލުހުން އިއްޔެ ބުނީ އޭގެ ތެރެއިން ޔޫސުފް ނަސީމް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ގަން ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 5.39 ގުރާމް) އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޔޫސުފް ނަސީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ދަނބިދޫން އަހުމަދު ޝަފީގު ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ދަނބިދޫ ބަނދަރު މަތިން އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އަހުމަދު ޝަފީގުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް