ސަރުކާރު އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އަންނަ އަހަރުގެ ބަޖެޓްގައި 17.1 ބިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓް ހިސާބުތަކުން ދައްކާ ގޮތުގައި، އެއީ 54،000 މުވައްޒަފުން ހިމެނޭގޮތުންނެވެ.

މިއީ މިއަހަރު މުސާރަދޭން ބަޖެޓްކުރި ވަރަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައެވެ. މި އަހަރު މުވައްޒަފުންގެ މުސާރައަށް 14.7 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ބަޖެޓްގައިވެއެވެ.

ބަޖެޓުގައިވާގޮތުން މިއަހަރު ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި 46،000 ހިމެނުނު ނަމަވެސް އަންނަ 2026 ވަނަ އަހަރު ސަރުކާރުގެ މުވައްޒަފުންގެ އަދަދަށް 7،000 އިތުރުވާނެއެވެ.

މުވައްޒަފުންގެ އަދަދު އިތުރުވާ އިރު ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އަންނަ އަހަރުގެ ބަޖެޓުގައި ޕޭ ހާމަނައިޒް ކުރުމަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އަދި ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ.