ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހއ. އިހަވަންދޫ، އުދަރެސް، އަހްމަދު ޝާފިއު އާއި ގއ. ކަނޑުހުޅުދޫ، ޔުނިކޯ، މުޒައްމިލު ނާސިރު އައްޔަންކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ގާޒީ ކަމުގެ ހުވައިލައިދެެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ޝާފިއު އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ހަތަރު އަހަރު މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެންމެފަހުން އޭނާ ހުންނެވީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައެވެ. އޭގެފަހުން 2013 ވަނަ އަހަރުން ފެށިގެން ގާޒީ ކަމަށް ކުރިމަތިލެއްވުމާ ހަމައަށް އޭނާއަކީ ލޯފާމެއްގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝާފިއު ވަނީ 2015 ވަނަ އަހަރުން ފެށިގެން ގާޒީ ކަމަށް ކުރިމަތިލުމާ ހަމައަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

މީގެ އިތުރުން އޭނާ އަކީ ބާ ކައުންސިލްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުޒައްމިލަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެއްވި އިރު، އޭނާ ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގައެވެ.