އާ ގާނޫނުގެ ދަށުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނޭ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ތަންފީޒުކުރަން ފެށުމުގެ ގޮތުން ބާއްވާ "ނޭޝަނަލް ޓޯޗް ރަން" ފަށައިފިއެވެ.
މިއީ 24 ގަޑިއިރަށް ބާއްވާ ދުވުމެކެވެ.
މި ދުވުން ފަށައިފައިވަނީ މިއަދު އެކުވެނި ދުވާ ޓްރެކުގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. އެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
ދުވުން ފައްޓަވައިދެއްވުމުގެ ގޮތުން ޓޯޗު ހަވާލުކޮށްފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަދި ގައުމީ އެތްލީޓް އަހުނަފް ރައްޔާން ފަހުމީއަށެވެ. އެ ދެ އެތުލީޓުންނަށް ޓޯޗު ހަވާލުކޮށްދެއްވީ މިނިސްޓަރު ނާޒިމެވެ.
ޓޯޗް ރަންގައި ސަރުކާރުގައި އިސްވެރިންނާއި، ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ރެޕްރެޒެންޓޭޓިވް، ސަރުކާރު ކުންފުނިތަކުގެ ވެރިން އަދި ކުޅިވަރު ކުލަބުތަކާއި އެކަޑަމީތަކުން ބައިވެރިވިއެވެ.
ޓޯޗު ރަން ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ބޭނުން ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށެވެ.
އެ ހަރާކާތް ކުރިއަށްދާއިރު ސެޒޭޝަން ކްލިނިކްގެ އެހީތެރިކަމާއި ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރިކުރުވުމާއި މައުލޫމާތު ދިނުން ކުރިއަށްދާނެއެވެ. އަދި ފޮޓޯ ބޫތެއް ހިމެނޭނެއެވެ.
މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށާއި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. އޭގެ ގަވާއިދު ވަރަށް އަވަހަށް ގެޒެޓުކުރާނެއެވެ. އެހެންވެ، ކޮންމެ އުމުރެއްގެ މީހަކަށް ވިޔަސް އެފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގައެވެ.
މުހައްމަދު އިޝާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)