ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ނިންމައި، އެ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް، ބިން ހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން ފާހަގަކުރެވިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅނދުތައް މި ފެށޭ މަހުގެ ހަވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުން އެ އުޅަނދުތައް ނެގުމަށް ދަންނަވާ ކަމަށާއި އެގޮތުން ނެގޭ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތަކަށް މެދުކެނޑުމެއް އައިސްފައިވަނީ، ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން އެ މަސައްކަތް ހުއްޓާލާފައިވާތީއެވެ.
އެ މައްސަލައާ ގުޅޭގޮތުން މިދިޔަ ޖުލައި މަހުގެ 15 ގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުގެ ކޮންޓްރެކްޓަރު ސީއެމްސީސީއަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދެ ފަހަރެއްގެ މަތީން 20 މިލިއަން ޑޮލަރު ސަރުކާރުން ދީފައިވާ ކަމަށާއި އޭގެ ފަހުން އެ މަސައްކަތް ކުރިއަށްގެންދިއުމުގެ ގޮތުން މި ސަރުކާރުން ވެސް 15 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދަން ސީއެމްސީސީން ބޭނުންނުވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގްރިމެންޓް ހަދާފައި އޮތްގޮތުން އެގްރިމެންޓް ބާތިލުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ހަމަ އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ޑުރެޖަރެއް ގެނެސް މަސައްކަތް އަލުން ފަށާނަމަ ސީއެމްސީސީއާއެކު މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
އޭގެ ފަހުން ހުޅުމާލޭ ފޭސް ތިނެއް ހިއްކުމާ ގުޅޭ އަޕްޑޭޓެއް ސަރުކާރުން ދީފައެއް ނުވެއެވެ. ސީއެމްސީސީ އަކީ ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަދި މި ސަރުކާރުގެ ރަސްމާލެ ހިއްކުމުގެ މަޝްރޫއާ ވެސް ހަވާލުވި ކުންފުންޏެވެ.
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3