ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ ފަސް މީހުންނަކީ:

  • އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ - އޭނާއަކީ ލޮޓަސްގެ ވެރިޔާ
  • މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް - އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް
  • ޒިވާރް އިސްމާއީލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ - އޭނާއަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް
  • އަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ - އޭނާއަކީ އެމްޕީއެލްގެ މުވައްޒަފެއް
  • އާދަމް ވަހީދު (54އ)، ކެނެރީގެ / ނ. މިލަދޫ - އޭނާއަކީ ކޮންޓޭނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ތުހުމަތުކުރެވޭ މީހާ

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރައިފައެވެ. އެ. މީހުންގެ ތެރެއިން އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި ވަހީދު)ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ. ވައިކަރަދޫ އާއި ހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫ އެވެ. އެ ދެމީހުންގެ ބަންދަށް ޖަހާފައިވާ ހަތް ދުވަސް އަދި ހަމައެއް ނުވެއެވެ.

ފުލުހުން މިމަހުގެ 22 ގައި ބުނެފައިވަނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.