ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ އެހީއެއް ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ހަރަދު ގްރާންޓެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެ. މިއީ މިހާރު މި ދާއިރާއަށް ކުރެވޭ ހަރަދާ އަޅައިބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026