މިއަންނަ އަހަރު އިމާރަތް ކުރުމުގެ ދާއިރާއަށް 3.1 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ހުށަހަޅައިފައެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުވައިދެއްވީ މިނިސްޓަރު ޒަމީރެވެ.

ބަޖެޓު ހުށަހަޅުވައިދެއްވަމުން ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައި ކަމަށެވެ.

ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޕެސެންޖާ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަދި ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ހަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓްއިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ" ޒަމީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް މިއަންނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ތެރޭގައި މުދަލުގެ އިމްޕޯޓުތަކަށް އައި ކުރިއެރުމަށް ބިނާކޮށް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާއަތް ދަށްވިނަމަވެސް، މި އަހަރު އެ ސިނާއަތް ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.ެ