މިއަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ލަފާކޮށްފިއެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ބަޖެޓު ހުށަހަޅުވައިދެއްވަމުން ޒަމީރު ވިދާޅުވީ ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ ކަމަށެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ ކަމަށެވެ.
"ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާ" ޒަމީރު ވިދާޅުވިއެވެ.
މިއީ 2025 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު (ވީއައިއޭ) އާ ޓާމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއާޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.
އޭގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރީންގެ އަދަދު އިތުރުވުމާއެކު އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.
އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް ބަދަލުގެނައުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހުށަހަޅާފައި ނުވާކަމަށް ޒަމީރު ވިދާޅުވިއެވެ. ނަމަވެސް، ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާއެކު ފާސްވުމަކީ، އާމްދަނީން އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026